ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުމުގެ ތެރޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ 4 ބިދޭސީ އެއް އަތުލައިގަނެފައި ވާ ކަމަށް ފުލުހުން ބުނެފި އެވެ. 

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކޮށް، އެމީހުން ކުރާ ކަންކަން ބަލައި ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެންގެވުމާއި ގުޅިގެން، ދިވެހި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް 17 ޑިސެމްބަރުގައި ފެށި ކަމަށެވެ.

މިހާތަނަށް އައި އިރު އެ އޮޕަރޭޝަންގެ ތެރެއިން 102 މީހުންނާއި ސުވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މި އޮޕަރޭޝަންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް 12 ބިދޭސީއަކާއި ސުވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޤަވާއިދާއި ޚިލާފަށް ވިޔަފާރި ކުރާ 4 ބިދޭސީ އަކާއި ސުވާލުކޮށް އޭގެ ތެރެއިން ބައެއް މީހުން އިމިގްރޭޝަނާއި ހަވާލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރޭގަނޑު 12 އިން ހެނދުނު 6 އާ ދެމެދު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ބަލާ ފާސްކުރުމަށް ފުލުހުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި މިއީ ނަސްލީ ތަފާތު ކުރުމެއް ކަމަށް ބުނެ ބައެއް އާއްމުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެއަކު 00:00 އިން ހެނދުނު 06:00 އަށް މަގުމަތީގައި އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. މި މަސައްކަތް މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

މިގޮތަށް ބިދޭސީން ބަލައިފާސްކުރުމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމާއި ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށާއި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާއި މެދު ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމަށް އެފަދަ މީހުން މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.