ރ. އަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާކުރަން ރ. އަތޮޅު ކައުންސިލުން ނިންމައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރ. އަތޮޅު ކައުންސިލް އިން އެ އަތޮޅުގެ ކޮންމެ ރަށަކަށް ބަގީއެއް ހަދިޔާ ކުރަން ނިންމާފައިވަނީ  މި މަހުގެ 18 ވަނަ ދުވަހު ބޭއްވި އަތޮޅު ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ރ. އަތޮޅު ކައުންސިލްގެ އިދާރާ ހިމެނޭހެން އެ އަތޮޅު ގެ ކޮންމެ ރަށަކަށް 150،000 ރުފިޔާގެ ކޮންޑިޝަނަލް ގްރާންޓެއް ދިނުމަށެވެ. 

އަދި އެ ފައިސާ މި އަހަރު ނިމުމުގެ ކުރިން ޖަމާކުރުމަށް ވެސް އެ އަތޮޅު ކައުންސިލް އިން ވަނީ ނިންމާފަ އެވެ. ކައުންސިލް ގެ ނިންމުމުގައިވާގޮތުން 150،000 ރުފިޔާގެ ކޮންޑިޝަނަލް ގްރާންޓެއް ދިނުމަށް ނިންމާފައިވަނީ 10 ސީޓު ގެ ބަގީއެއް ކޮންމެ ކައުންސިލަކަށް ފޯރުކޮށްދިނުމަށެވެ. 

އޭގެ އިތުރުން ވެސް ރ. އަތޮޅު ކައުންސިލް އިން ވަނީ އެ އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށް ވެސް އެހީ ދިނުމުގެ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅު ގެ ހުރިހާ ރަށަކަށް ހުޅުވާލި ފުރުސަތުގައި އެހީ ބޭނުންވާ ގިނަ ޖަމިއްޔަތަކުން މިހާރު ދަނީ ޕްރޮޕޯސަލް ހުށަހަޅަމުންނެވެ. 

އަތޮޅު ކައުންސިލްތައް އުވާލައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލަރުން އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅީ ސަރުކާރު ގެ ފަރާތުން ރ. އިނގުރައިދޫ ދާއިރާ ގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.