ފުލުހަކަށް އިންޒާރުދީ، މާރާމާރީ ހިންގި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، މާލޭގެ އިންޒުއްދީން މަގާއި ގަދަކޯޅި މަގާ ގުޅޭ ކަންމަތީގައި މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 16:15 ހާއިރު ގްރޫޕް ހަދައިގެން ތިބި ބަޔަކު ފުލުހުން ފެނުމުން އެ މީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. 

ނަމަވެސް ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، އިންޒާރުދީ، ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. 

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ޏ. ފުވައްމުލައް، މިސްކިތް މަގު، ކީމީ، އަހުމަދު ރަޒީން (22އ)، ޏ. ފުވައްމުލައް، ފުނާޑު، ނަމަން، ނާފިއު އިބްރާހިމް (30އ) އަދި ދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް (19އ) އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ރަޒީން ފަސް ދުވަހަށް، ނާފިއު އިބްރާހިމް ދެ ދުވަހަށް އަދި މުހައްމަދު ލުވޭޒް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. 

އެ ތިން މީހުންނަކީ ވެސް ފުލުހުންގެ ޚިދުމަތުގައި ޖިނާއީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.