ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ވަނަ ދުވަހު ފާހަގަކުރަމުންދާ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ފޮނުއްވައިފި އެވެ.

ރައީސް ސޯލިހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މީގެ 21 އަހަރު ކުރިން ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާ ގައި ދުނިޔެ ދޫކުރި އަޚުންނާއި އުޚުތުންގެ ޒިކުރާ އާކުރައްވާފަ އެވެ. އަދި އެ ދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަނެ އަބަދުވެސް ބަދަހި ބައެއްގެ ގޮތުގައި ދިވެހީން ދެމެހެއްޓުމަށް އެދި ރައީސް ސޯލިހު ވަނީ ދުޢާ ދަންނަވާފަ އެވެ.

ދިވެހި ތާރީޚުގައި ވަރަށް ހިތާމަވެރި ދުވަހަކަށް ވެފައިވާ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26  ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެ 24 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. 

މި ކާރިސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޮޑެތި ގެއްލުންތައް ލިބި ގިނަ އަދަދެއްގެ ގެދޮރު ހަލާކުވިއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތައް މުޅިން ހުއްޓިފަ ބައެއް ރަށްރަށް މުޅިން ފަޅުވެ އެހެން ރަށްރަށަށް ދިރިއުޅުން ބަދަލު ކުރިއެވެ. ސުނާމީ ކާރިސާ ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

މި ކާރިސާ އިން ލިބިގެންދިޔަ ގެއްލުމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ވަނީ ކޮށްފަ އެވެ. އެ ދުވަސްވަރު ދިވެހީން ދެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުތަކަކީ މިއަދާ ހަމައަށް ވެސް ދިވެހި ތާރީޚުގައި ހަނދާން ކުރެވޭނެ ކަންކަމެވެ. 

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަކީ އެ ދުވަހު ދިވެހީން ދެއްކި އެއްބައިވަންތަކަމުގެ ރޫޙު ދިރުވައި ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މި ދުވަހަކީ ދިވެހީން އަބަދުވެސް އެކުގައި ތިބުމުގެ މުހިންމުކަން ހަނދާން ކޮށްދޭ ދުވަހެކެވެ.