އާދިއްތަ ދުވަހުގެ ފަތިހު ހޯރަފުށީ އެއަރޕޯޓް ފަޅާލައިގެން ގެންދިޔައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ ޕާރުސަލް ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ފަތިހު 4:00 ހާ އިރު މޫނު ނިވާކޮށްގެން ހުރި  މީހަކު އައިސް އެއަރޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ އޮފީހަށް ވަދެ ޕާރުސަލްތައް ހިފައިގެން ދިޔައީ އެ އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ކަމަށް އިތުބާރު ހުރި ގޮތެއް ގައި މި ނޫހަށް އެނގިފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ދޮރު ހަލާކު ކޮށްލީ ކަށިގަނޑެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެންނެވެ.

އައިލެންޑް އޭވިއޭޝަން އޮފީހުގައި ހުރި އެހެން އެއްޗަކަށް ގެއްލުމެއް ދީފައި ނުވާ ކަމަށާއި ގެންގޮސްފައިވަނީ ހަމައެކަނި ބީއެމްއެލް އަށް އެޑްރެސްކޮށް އެެއަރކާގޯ ގެ ގޮތުގައި ފޮނުވާފައި ހުރި ދެ ޕާރުސަލު ކަމަށް އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ކިޔައިދީފައިވެ އެވެ.

ހާދިސާ ހިނގި އިރު އެއަރޕޯޓުގައި 3 މުވައްޒަފުން ޑިއުޓީ ގައި ތިބި ކަމަށްވެ އެވެ. އެ ތަނުން އެއް މުވައްޒަފަކު އޭނާގެ ފަހަތުން ދުއްވައިގަތް ކަމަށާއި ނަމަވެސް އެމީހާ ދުވެފައި ގޮސް އެއަރޕޯޓުގެ ހޭޅީގެ ތެރެއަށް ވަދެ ފަހުން ސައިކަލަކަށް އަރައިގެން ފިލީ ކަމަށްވެ އެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ ސައިކަލުގައި ވެސް ހުރީ އައިޑެންޓިޓީ ފޮރުވުމުގެ ގޮތުން ފޮތި އޮޅާފަ އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ފަރާތުން ވެސް އަދި ކަމާ ބެހޭ އެހެން ފަރާތަކުން ވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ.

ހޯރަފުށީ އެއަރޕޯޓު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ވަލީދު ވިދާޅުވީ ފުލުހުން މައްސަލަ ތަހުގީގު ކުރާތީ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

މީގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވެސް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ބޭންކް އޮފް މޯލްޑިވްސް ގެ ލައްކަ އަކަށް ވުރެ ޑޮލަރު ހުރި ސޫޓްކޭސް އެއް ވަނީ ވަގަށް ގެންގޮސްފަ އެވެ.

ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް އެއަރޕޯޓުން ވަގަށް ނެގި އެއްވެސް ޑޮލަރެއް އަދިވެސް އަނބުރާ ލިބުނުކަން ހާމަ ކޮށްފަ އެއް ނުވެއެވެ. 

މޫނު ނިވައިކޮށްގެން ތިބި މީހުން، ބީއެމްއެލްގެ މުވައްޒަފުންނަށް ވަޅި ދައްކައި ބިރުދެއްކުމަށްފަހު، ވަގަށް ގެންދިޔަ ފައިސާ ގެ އަދަދަކީ 130,000 އެމެރިކާ ޑޮލަރެވެ.

ވީއައިއޭ އިން ފައިސާ އެޅި ސޫޓްކޭސް ވަގަށް ނަގާފައިވަނީ، އައު ޓާމިނަލް 1 ގައި ހުންނަ ޑޮލަރު ކައުންޓަރަށް ގެންދަނިކޮށެވެ. އެ ސޫޓްކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ދާ ދިވެހި ފަތުރުވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ޑޮލަރެވެ.

ހޯރަފުށީ އެއަރޕޯޓު ފަޅާލި އިރު އެއަރޕޯޓު ހިންގުމުގެ ފެންވަރު ދަށްވެ ތަނުގެ މެއިންޓަނަންސަށް ބޭނުންވާ އެންމެ އާދައިގެ ސާމާނުވެސް ނުލިބޭ ކަމުގެ ވާހަކަތައް ވެސް މީޑިއާ އަށް ވަނީ ތިލަވެފަ އެވެ. އަދި ތަނަށް މުވައްޒަފުން ނެގުމުގައި ވެސް މެރިޓް އުސޫލަށް ބެލުމެއް ނެތި ސިޔާސީ ގޮތުން ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.