2014 އިން 2022ގެ ނިޔަލަށް އޭދަފުށީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ހާމަވެއްޖެ އެވެ.

އެކަން ހާމަކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން، މި ޑިސެމްބަރު މަހު އާއްމު ކުރި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ 2024 ވަނަ އަަހަރުގެ އޮޑިޓް ރިޕޯޓުގަ އެވެ.

 ދައުލަތު ގެ އާމްދަނީ ގެ ގޮތުގައި ބަލައިގަންނަ ފައިސާ އަކީ ޤާނޫނުު ނަންބަރ: 3/2006 (ދައުލަތު ގެ މާލިއްޔަތު ގެ ޤާނޫނު)ގެ ދަށުން ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭ ފައިސާ  އެވެ. އަދި ދައުލަތު ގެ މާލިއްޔަތު ގަވާއިދު ގެ 5.27 ވަނަ މާއްދާ ގައި ބުނާ ގޮތުން، އާމްދަނީގެ ގޮތުން ދައުަލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ ފިނޭންސް މިނިސްޓްރީ އަށް ދެއްކުމަށް އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ވާނެ ކަަމަށް ބަޔާންކޮށްފައި ވެ އެވެ.

އޮޑިޓް ރިޕޯޓް ބުނާ ގޮތުން 2024 ވަނަ އަހަރުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށް ވަނީ ޖަމާކޮށްފަ އެވެ. އެހެންނަމަވެސް 2014 އިން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ކަނޑު އުޅަނދުގެ ސަލާމަތީ ފީގެ ގޮތުގައި ލިބިފައިވާ 66،750 ( ހަ ލައްކަ ފަސްދޮޅަށް ހާސް ހަތް ސަތޭކަ ފަންސާސް) ރުފިޔާ އޮޑިޓް ކުރި ތާރީހު ކަމުގައި ވާ 21 އޮގަސްޓް 2025ގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާ ނުކުރާ ކަމަށް އެ އޮޑިޓް ރިޕޯޓުގައި ވެ އެވެ. 

އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނު ވަނީ އެއީ ކޮން ފަރާތަކުން ފޮނުވި ފައިސާ ކަން އެނގެން ނެތުމުން ކަމަށް އަދި އެ ފައިސާގެ ތަފްސީލް ހޯދަމުންދާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފައި ވެ އެވެ. 

އެޮޑިޓް ރިޕޯޓުގައި ލަފާދީފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5.27 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް އަށް ދެއްކުމަށް އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާކުރުމަށެވެ.