ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ހެންވޭރުގެ ވައިޖެހޭ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ 23:23ހާއިރު ލިބުނު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދެ ބިދޭސީންނެވެ. ނަމަވެސް މި މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، މީގެ ކުރިން ވެސް ބިދޭސީންގެ މެދުގައި ބޮޑެތި މާރާމާރީތައް ހިންގައި، ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ލިބިފައި އެބަހުއްޓެވެ.

ދާދިފަހުން ބިދޭސީ އަންހެނުންތަކެއްގެ މެދުގައި ހިނގި މާރާމާރީ އެއްގެ ވީޑިއޯވެސް ސޯޝަލްމީޑިއާގައި ވަނީ ދައުރުވެފަ އެވެ. ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ވެސް ވަރަށް ގިނައިރު، ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ، ކުށްތަކަށް އަރައިގަންނަ ބިދޭސީން 48 ގަޑިއިރު ތެރޭ ޑީޕޯޓް ކުރާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.