ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 40 ކިލޯ ގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 

މި މައްސަލައިގައި ހައްޔަރުކުރީ، ހއ. ހޯރަފުށީ، އާފިޔާ، އަހުމަދު އަލީ (47އ) އާއި ގދ. ތިނަދޫ، ގޯލްޑަންހައުސް، މުހައްމަދު އާދިލް (57އ) އެވެ. އަހުމަދު އަލީ 26 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 10 ދުވަސް ވަނީ ޖަހާފަ އެވެ. އަދި އާދިލް 27 ޑިސެންބަރު 2025 ގައި ހައްޔަރުކޮށް ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އަހުމަދު އަލީގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަސް ކަމަށް ކުރިން ބުނެފައި ވަނީ އޮޅުމަކުން ކަމަށެވެ. އަދި ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އާދިލްގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މިތަކެތި ރާއްޖެއަށް އެތެރެ ކޮށްފައިވަނީ ރާސް މޯލްޑިވްސް ކިޔާ ކުންފުންޏެއްގެ ނަމުގަ އެވެ. އެކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މި މައްސަލާގައި ހައްޔަރުކުރި އާދިލް އެވެ. އަދި އަހުމަދު އަލީ އަކީ ރާސް މޯލްޑިވްސްގެ މުދާ ކްލިއާ ކުރުމަށް އެ ކުންފުނީގެ ފަރާތުން ދާނެ ކަމަށް އީ-މެއިލުން ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އެންގި މީހާ އެވެ.

ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 30 މިލިޔަން ރުފިޔާ އަށް ވުރެ އިތުރުވާނެ އެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއް ކަސްޓަމްސްއިން އަތުލައިގަތީ، އެ ފުޅިތައް ބަލައި ފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަ ވުމުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 25 ޑިސެންބަރު 2025 ގަ އެވެ. 

މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައި ވަނީ ހަޝިޝް އޮއިލަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.