ސަރުކާރު ހިންގާ ޕީއެންސީގެ ބޭފުޅުން އާއްމު ރައްޔިތުންނަށް ބިރު ދައްކައިގެން އެހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ކެނޑެން މަޖުބޫރު ކުރުވާ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ތުހުމަތު ކުރައްވައިފި އެވެ. 

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފަލާހު ވިދާޅުވީ މިސަރުކާރުގެ ރަނގަޅު އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި، ރައްޔިތުންނާ ގައުމަށް ބެލުމެއް ނެތް ކަމަށެވެ.

ޕީއެންސީ އަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ އެ ޕާޓީގެ ދަފްތަރަށް މީހުން ގިނަ ކުރުމަށްޓަކައި މި ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކަމަށެވެ. 

ފެށުނީއްސުރެ އެމްޑީޕީގެ ދަފްތަރުގައި ތިބި އާއްމު މީހުންނަށް ޕީއެންސީގެ ބޭފުޅުން ބިރު ދައްކައިގެން ޕާޓީން ކެނޑެން މަޖުބޫރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކި ގޮތްގޮތަށް ބިރު ދައްކަމުންދާ ކަމަށާއި، ވަޒީފާގެ ބިރު ނުވަތަ ހިންގަމުންދާ ވިޔަފާރިއަށް ހުރަސްއަޅާނެ ކަމުގެ ބިރު ދައްކާ ކަމަށް ފަލާހު ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ ދާއިރާގައި މާފަންނު ހުޅަނގު ދާއިރާގައި ގާތްގަނޑަކަށް ސިޔާސީ އިންތިޚާބީ މަގާމުގައި އަޅުގަނޑު 13 އަހަރު ދުވަހު ހޭދަ ކުރީ އެހުރިހާ ދުވަހަކު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރި ޕާޓީގެ ދުވަސްވީ މެންބަރުން ޕާޓީން ކެނޑިގެން އެބަތިބި. އަޅުގަނޑު ދެތިން މީހަކަށް ރޭގައި ގުޅާލިން. ވިދާޅުވީ ތިމަންނަމެންނަށް މަޖުބޫރުވަނީ އޭ މިހާރު ކެނޑެން. ތިމަންނަމެންނަކީ އަމިއްލައަށް މަސައްކަތް ކުރާ އަމިއްލަ އަށް ވިޔަފާރި ކޮށްގެން މާރުކޭޓުގައި ގޮޅި ކުއްޔަށް ހިފައިގެން އެތާގައި ދުވާލުދާހަތަރުދަމު މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން އަނބިދަރީންނަށް ކާންދީގެން ބޯންދީގެން އުޅޭ މީހުންނޭ. މިއަދު ޕީޕީއެމް/ޕީއެންސީގެ ބައެއް ކައުންސިލަރުން އެބޭފުޅުންނަށް ގުޅުއްވާފައި އެބަ ވިދާޅުވޭ ގޮޅިއަތުލާނަމޭ އެހެން ނޫނިއްޔާ ޕާޓީން ކެނޑޭށޭ. މިކަހަލަ މަޖުބޫރު ކޮށްގެން އަޅުގަނޑުމެންގެ ޕާޓީން ގިނަ މީހުންތަކެއް ކަނޑާފައި އެބަތިބި.
ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ ދައުލަތަށް އޮބި ނޯންނަ ވަރަށް ވާޒިފާތައް ދޭނެ ކަމަށާއި، ގާތްގަނޑަށް 3000ށް ގާތްކުރާ ވަރަށް ވަޒީފާ ދޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެއީ އިންތިޚާބު ކާމިޔާބު ކުރުމަށް ސަރުކާރުން ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް އިންތިޚާބަށްފަހު ވަޒީފާއިން މީހުން ވަކި ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ނިކަމެތި ކަމެއް ލިބޭނީ ރައްޔިތުންނަށް ކަމަށާއި، ޕީއެންސީ ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ފަލާހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ސަލާމަތްތެރިކަމާ އަމާން ބަނދަރަކަށް ދިއުމަށް މިފަހަރު ލިބޭ ފުރުސަތުގެ ބޭނުން ހިފައި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.