16 ޖެނުއަރީގައި އޮންނަ އެމްޑީޕީ ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ ޕްރައިމަރީ އަށް އޮފިޝަލުންނަށް ވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީ އިން ބުނީ 16 ޖެނުއަރީ 2026 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެމްޑީީގެ ޕްރައިމަރީ ވޯޓުލާ މަރުކަޒުގެ އޮފިޝަލެއްގޮތުގައި ހަރަކާތްތެރި ވެވޭނީ ކެންޕޭންގައި އަމަލީގޮތުން ނޫޅޭ ފަރާތަކަށް ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން ގޫގުލް ފޯމް މެދުވެރިކުރައްވާ 05 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ 16:00ގެ ކުރިން ހުށަހެޅުމަށް ޕާޓީން ވަނީ އެދިފަ އެވެ.

 އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީ ގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ މިހާރު ވެސް ކޮންމެވެސް ވަރަށް އޮފިޝަލުން ލިބިފައިވާ ކަމަށާ އަދި އިތުރު އޮފިޝަލުން ބޭނުންވާ ކަމަށެވެ.

"އޮފިޝަލުން ވީހާ ވެސް ބޮޑަށް ބޭނުންވޭ. ކެމްޕެއިން އަށް ނުކުމެ އެއްވެސް ވަރަށް ނޫޅުއްވާ ބޭފުޅުން. އެކަން ކޮށްދެއްވުން އަޅުގަނޑުމެންގެ އެދުމަކީ ވީހާވެސް ބޮޑަށް." ފަލާހު ވިދާޅުވި އެވެެ.

ޕްރައިމަރީ ގެ ވޯޓުލުން ކުރިއަށް ދާނީ ޖެނުއަރީ 16 ވާ މެންދުރު ފަހު 2:30 އިން ރޭގަނޑު 08:00 އަށެވެ.

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައ އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510 އަށް ވުރެ ގިނަ ކެނޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.

ޕްރައިމަރީއަކާއި ނުލާ ހޮވޭ ފަރާތްތަކަށް އެކަން ޕާޓީ އިން ދަނީ އަންގަމުންނެވެ. މާލޭގައި 17 ދާއިރާ އެއްގައި ޕްރައިމަރީ ކުރިއަށް ގެންދާނެ އެވެ. އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕްރައިމަރީގައި ވޯޓު ލަނީ މާލެ އަށް ކަން ފާހަގަކޮށްލެވެ އެވެ.