ކައުންސިލް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ޕަބްލިކް ވޯކްސް އަށް 500 މުވައްޒަފުން ނަގާތީ އާއްމުން ގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

 500 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ނެގުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް މިނިސްޓްރީން ފަށާފައިވާ ކަން މިނިސްޓަރު ވަނީ ހާމަކޮށްފަ އެެވެ. ދައުލަތުގެ މީޑިއާ ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން  ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ މުޅި ރާއްޖެ އަށް ޕަބްލިކް ވޯކްސް ގެ މަސައްކަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. 2026 ގެ ފެބްރުއަރީ މަހުގެ ކުރިން 15 އަތޮޅެއްގައި 19 ޔުނިޓެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ތަންތަނަށް 550 ނުވަތަ 520 މުވައްޒަފުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތް މިނިސްޓްރީން ކުރަމުންދަނީ ރައީސް މުހައްމަދު މުއިއްޒު ގެ އިރުޝާދާ އެކުގައި ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ ހަތް ޔުނިޓާއެކު ޖުމްލަ 26 ޔުނިޓް ފެބްރުއަރީ މަސް ނިމެންވާއިރަށް ޤާއިމްކުރެވޭނެ ކަަމަށް ބެލެވެ އެވެ.

އެކަން ހާމަކުރުމާއި އެކު އާއްމުން ގެ އިންތިހާ ފާޑުކިޔުމާއި ސަރުކާރަށް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް މީހުން ވަނީ މިސްކިތްތައް ބަހައްޓަން ވެސް މީހުން ނެގުން ހުއްޓުވުމަށް ފަހު މިހާ ގިނަ އަަދަދެއްގެ ބަޔަކު ޕަބްލިކް ވަރކްސް އަށް ނަގަން ހުއްދަދޭތީ އެކަމާއި މެދު ފާޑު ކިޔާފަ އެވެ.

މީގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުން ވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެގޮތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވަނީ އަތޮޅު ކައުންސިލް އުވާލީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ބުނުމަށް ފަހު، މި މޭރުމުން އަމަލުކުރާތީ ފާޑު ވިދާޅުވެފަ އެވެ.

"އަތޮޅު ކައުންސިލް އުވާލީ ޚަރަދު ކުޑަކުރަން. އުނިވީ 1 މަގާމް.ސަލާމަތްވީ ކައުންސިލް ރައީސްގެ މުސާރަ.އޭގެ ބަދަލުގަ އުފައްދާ އޮފީހަށް 500 އަށް ބުރެ ގިނަ މުއައްޒިފުން.ސާބަސް!" ނިޔާޒް ވިދާޅުވި އެވެ.

މިއީ ކައުންސިލް އިންތިޚާބަށް ޖަހާ މަޅި އެއް ކަމަށް ބައެއް އާއްމުން ވަނީ ސިފަކޮށްފަ އެވެ. މިއީ ދައުލަތުގެ ވަސީލަތްތައް އިސްރާފުކުރުން ކަމަށް މިކަމާއި މެދު މީސްމީޑިއާގައި ކޮމެންޓް ކުރި އިތުރު އާއްމު މީހަކު ވަނީ ބުނެފަ އެވެ. އަދި އިށީންނާނެ ގޮނޑި އެއް ނެތަސް ވަޒީފާ ދެނީ، އަނގަ ބަންދުކުރަން ކަމަށް ބައެއް އާއްމުން ބުނެފައި ވެ އެވެ.

"ކޮންމެ އިންތިޚާބަކާއި ދިމާކޮށް ސަރުކާރުން އަމަލުކުރަނީ މިހެން. މިއީ މިހާރު ރައްޔިތުންނަށް އާ ކަމެއް ނޫން." މިކަމާ މެދު މީސްމީޑިއާގައި ކޮމެންޓް ކުރި އާއްމު މީހަކު ވަނީ ބުނެފަ އެވެ.

މީ ގެ އިތުރުން، އާއްމު މީހަކު ބުނެފައި ވަނީ މުޅި ޤައުމު އިގްތިސާދީ އަނދަވަޅަކަށް ވައްޓާލައިގެން ވިޔަސް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ސަރުކާރުން ބޭނުންވާ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އަދި ސަރުކާރުން އެ މޭރުމުން އަމަލުކުރަން ލަދު ގަންނަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވަޒީފާތައް ބަހަމުންދާ ކަަމަށް އާއްމުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން ވަޒީފާތައް އުފައްދައިގެން ވިޔަސް އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް އާއްމުން ތުހުމަތު ކުރެ އެވެ.

އާންމުންގެ ވާހަކަ ތަކަށް ބަލާއިރު ކައުންސިލް އިންތިޚާބު ކާމިޔާބު ކުރަން ސަރުކާރުން ބޭނުން ކުރާނީ މައިގަނޑު ދެ އެއްޗެކެވެ. އެއީ ވަޒީފާ އާއި ފައިސާ އެވެ.