ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތަކާއި މަސްވެރިން ގެ ޑިމާންޑުތައް ފުރިހަމަކޮށްދިނުމާއި މެދު ޖަވާބެއް ދިނުމަށް ސަރުކާރުން ދިން 2 ހަފްތާ ގެ މުއްދަތު ހަމަ ވި އިރު ވެސް، މަސްވެރިންނަށް އެއްވެސް ޖަވާބެއް ދީފައި ނުވާކަން ހާމަވެއްޖެ އެވެ.

ބޮޑު ކަންނެލި މަސްވެރިންނަށް މި ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ގޮވާލައި މިދިޔަ ޑިސެމްބަރ މަހު ކުރިއަށް ގެންދިޔަ އިހުތިޖާޖު މަސްވެރިން ވަނީ މެދު ނުކެނޑި ހަތް ދުވަސް ވަންދެން ކުރިއަށް ގެންގޮސްފަ އެވެ. އެ މުޒާހަރާ ނިންމާލީ 15 ޑިސެމްބަރުގައި ސަރުކާރާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ހުށަހެޅި ކަންކަމަށް ސަރުކާރުން އިޖާބަދޭން ތައްޔާރު ކަމަށް ބުނުމާއި ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މަސްވެރިން ގެ ފަރާތުން ހުށަހެޅި ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މަސްވެރިންނާއި އެކު ގާތްގަނޑަކަށް 5 ގަޑި އިރު ގެ ބައްދަލުވުމެއް އެ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މަސްވެރިން މުޒާހަރާ ކުރަމުން ދިޔަ އިރު، މަސްވެރިން ސަރުކާރަށް ކޮށްފައި ވަނީ މައިގަނޑު 3 ޑިމާންޑެކެވެ. އެއީ ރައީސް މުއިއްޒު ވައުދުވެފައިވާ ގޮތަށް ކަންނެލި ގަންނަން ފެށުމުގެ ޑިމާންޑާއި،  ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުން އަދި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސާ ދިނުމެވެ. 

ނަމަވެސް ވަޒީރާއި އެކު ބޭއްވި ބައްދަލުވުމުގައި، މަސްވެރިންގެ ފަރާތުން ހަ ކަމެއް ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްވެރިންނަށް ދިމާވާ އިދާރީ ބައެއް ދަތިތަކާއި އެހެނިހެން ގޮންޖެހުންތަކާއި ގުޅުން ހުރި ކަންކަމެވެ. މަސްވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ މުޒާހަރާ އިން ހައްޔަރު ކުރި މަސްވެރިން ދޫކޮށްލުމެވެ. އަދި ދެން ހުރި ޑިމާންޑްތަކަށް ޖަވާބެއް ދިނުމަށް 2 ހަފްތާގެ މުއްދަތެއް ވަނީ ދީފަ އެވެ. 

ރާއްޖެ އެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްމީ ސިފަ އެއްގައި މިހާތަނަށް މަސްވެރިންނަށް ސަރުކާރުން އެއްވެސް ޖަވާބެއް ދީފަ އެއް ނުވެ އެވެ. އަދި މި ހަފްތާ ގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިން ގެ ފަރާތުން ސަރުކާރު ގެ ޖަވާބެއް ހޯދުމަށް އެދި ސިޓީ އެއް ހުށަހަޅާނެ ކަަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސްވެރިންނާއި ބައްދަލު ކުރިތާ ދެ ދުވަސް ވަންދެން މަސްވެރިންނާއި ބަރާބަރަށް މުއާމަލާތު ކުރަމުން ދިޔަ އެވެ. އަދި ވަޒީރު ވަނީ ވަޓްސްއެޕް އިން ގުޅާ އަޕްޑޭޓްތައް ހިއްސާކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ބައްދަލުވުމުގެ ފަހުން 3 ދުވަސް ވީތަނާއި ވަޒީރު ވަނީ މަސްވެރިންނަށް ޖަވާބު ދިނުން ވެސް ހުއްޓާލައްވާފަ އެވެ. އަދި އޭގެ ފަހުން ސަރުކާރުގެ ހިލަމެއް މަސްވެރިންނަށް ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ސަރުކާރުން މަސްވެރިންނަށް ޖަވާބެއް މުއްދަތަކަށް އެދުނީ މަސްވެރިން ގެ އިހުތިޖާޖު މަޑު ޖައްސާލުމަށް ކަަަމަށާއި މަސްވެރިންނަށް ސަރުކާރުން އިޖާބަ ނުދިނުމުގެ ފުރުސަތު އޮތް ކަމަށް ކުރިން ވެސް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ. އެފަދަ ފަރާތްތަކުން ޤަބޫލުކުރި ގޮތުގައި ސަރުކާރުން ހޯދި މުއްދަތަކީ އިހުތިޖާޖު ހުއްޓުވާލުމުގެ މަގްސަދުގައި ހޯދި މުއްދަތެކެވެ. އެ ފަދަ ފަރާތްތަކުން ސަރުކާރު ގެ އިޚުލާސްތެރިކަމާއި މެދު ސުވާލު އުފައްދަ އެވެ.

ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި އިހުތިޖާޖު ކުރަން ފެށީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ހުޅުމާލެ ފަޅުގައި މުޒާހަރާ ކުރުމުން ސަރުކާރުން މަސްވެރިންނަށް އިޖާބަ އެއް ނުދެ އެވެ. އެ ހިސާބުން މަސްވެރިން ވަނީ ކަނޑުމައްޗަށް ނުކުމެ މާލެ ކައިރި އަށް މަސް ދޯނިތަކުގައި އައިސް އިހުތިޖާޖުކޮށްފަ އެވެ. 50 އަށް ވުރެ ގިނަ ދޯނި އެ އިހުތިޖާޖުގައި ބައިވެރި ވި އެވެ. 

11 ޑިސެމްބަރ ގައި މާލެ ކައިރީގައި އިހުތިޖާޖު ކުރަން ފެށުމުން ފުލުހުން ވަނީ ކޯޓު އަމުރަކާއި ނުލާ ދޯނިތަކަށް އަރާ ބާރު ގެ ބޭނުން ކޮށްފަ އެވެ. އެ އިހުތިޖާޖުން އެ ދުވަހު ހައްޔަކުރި މީހުން ގެ ތެރޭގައި ބީކޭއެމްޔޫ ގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުން ގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި  ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) ގެ ނައިބު ރައީސް މުހައްމަދު ސޯދިގު އާއި ދެ ކެޔޮޅުން ކަމަށްވާ މުހައްމަދު މުސްތަފާ އާއި އަބްދުއްލަތީފު އަހުމަދު ވެސް އެ ދުވަހު ހައްޔަރު ކުރި އެވެ. އިހުތިޖާޖުން ހައްޔަރު ކުރި އެންމެން ފަހުން ވަނީ ދޫކޮށްލާފަ އެވެ. އެ މީހުން ދޫކޮށްލީ، އެ އެންމެން ދޫކޮށްލުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްްތަކުގެ އިތުރުން އދ. ގެ އެއްވެ އުޅުމުގެ މިނިވަންކަމާއި ބެހޭ ހާއްސަ މަންދޫބު ޖީނާ ރޮމޭރޯ ގޮވާލާފައި ވަނިކޮށެވެ.