ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން ވެސް ކަށަވަރުނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާ ދާކަމުގެ މައުލޫމާތު ލިބިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 16:24 ހާއިރު އެވެ. އެ ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ހޯމަ ދުވަހު ފުލުހުން ބުނީ، ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
މޫސުން ގޯސް ދުވަސްވަރު އެކި ހާދިސާތަކުގައި މީހުން ކަނޑަށް ވެއްޓި މަރުވުމުގެ ހާދިސާތައް ހިނގައެވެ. އަދި މީހުންގެ ހަށިގަނޑު ވެސް ފެނިފައިވެ އެވެ.