ސަރުޚާރުގެ ހޮސްޕިޓަލްތަކުގައި ހިނގާގެން ނުވާނެ ފަދަ ކަންކަން ހިނގާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލް ގެ ސާފު ތާހިރުކަން ކުޑަވެ، މިފަހުން އާއްމުވެފައިވާ ވީޑީއޯތަކާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެ ވީޑީއޯތަކުން ފެންނަނީ އައިޖީއެމްއެޗްގެ ވެއިންޓިންގ އޭރިޔާގައި ހުރި ގޮނޑިތަކުގައި ގިނަ އަދަދެއްގެ މެހި އެނބުރޭ މަންޒަރެވެ. އަދި ހޮސްޕިޓަލް ގެ ތެރޭގައި ބުޅަލެއް މީދަލެއް ފަހާ ދުވާ މަންޒަރު ފެންނަ ވީޑީއޯ އެއްވެސް އާއްމުވެފައިވެ އެވެ.

އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގައި ބަލި މީހުން އެޑްމިޓް ކޮށް ފަރުވާ ދޭ ވޯޑުތައް ސާފު ކުރުމުގައި ފާހަނާ ސާފު ކުރުމަށް ބޭނުން ކުރާ ބްލީޗް ބޭނުން ކޮށްގެން ސާފު ކުރާ މައްސަލަ ފެންމަތިވެފައިވެ އެވެ. ބްލީޗް ބޭނުން ކޮށްގެން ސާފު ކުރާތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. 

މި މައްސަލަތަކާ ގުޅޭގޮތުން ސުވާލު ކުރުމުން މިނިސްޓަރު  ނާޒިމް ވިދާޅުވީ ހެލްތް ފެސިލިޓީއެއްގައި ހިނގާގެން ނުވާނެ ފަދަ ކަންތައްތައް ހިނގާ ކަމަށާއި، މި މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަަމަށެވެ.

ހެލްތް ފެސިލިޓީއެއްގައި ހިނގާގެން ނުވާނެ ފަދަ ކަންތައްތަކުގެ ވާހަކަ އެނގޭތޯ. ހަމަ އެކަންތައްތަކަށް އޮންނަ އުސޫލުގެ ތެރެއިން އަބަދުވެސް ހެލްތް މިނިސްޓްރީން ފިޔަވަޅު އަޅަމުން ގެންދަން. އަދި އަޅަމުން ގެންދާނެ. ވަރަށް ސީރިއަސްކޮށް އެކަން އަޅުގަނޑުމެން ނަގާނެ އެނގޭތޯ    
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް 

ނަމަވެސް މިހާތަނަށް ހެލްތް މިނިސްޓްރީން އެޅި ފިޔަވަޅެއް މިނިސްޓަރު ނާޒިމް ވިދާޅެއް ނުވެ އެވެ.