ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރު ކުންފުނި، މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލަ އެއް ފެންމަތިވެ އެކި އިދާރާތަކުން އެ މައްސަލަ ބަލަމުން އަންނަ އިރު، އެ ފައިސާ އެ ކުންފުނީގެ އެމްޑީ ވަގަށް ނެގި ކަމަށް ދޭހަވާ މޭރުމަކުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވައިފި އެވެ. 

ދައުރުން ބޭރުން ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ގައުމުގެ ހަޒާނާއަށް ލޮޅުމެއް އަރުވާލެވޭ ކޮންމެ ކަމަކީ ރަނގަޅު ކަމެއް ކަމަށެވެ. އަދި އެއްޗެއް ވަގަށް ނެގެންޏާ އެކަމެއް ރަނގަޅުވާނެ ކަމަށެވެ. ފަލާހު ވިދާޅުވީ ވައްކަމެއް ކުރާނެ ދޮރެއް ބަންދުކުރާނަމަ އެމްޑީޕީއަށް އެ އިސްލާހެއް ގޯސްވާނެ ކަމަށެވެ. ފަލާހު ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަން އަބްދުލްޣަފޫރު މޫސާ ދެއްކެވީ ރަނގަޅު ވާހަކަ އެއް ކަމަށާއި، މި ގައުމުގެ މަގުމަތީގައި ހިނގާ ބިގާވެ އުޅޭ، ބޮޑެތި ވައްކަން ކޮށްފައި ތިބި މީހުން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި ކޮންމެވެސް ބޭފުޅަކު ގޭސް ކުންފުންޏެއްގެ ވާހަކަ ދައްކާފައިވާ ކަމަށެވެ. 

ފަލާހު ވިދާޅުވީ ގޭސް ކުންފުންޏަކުން 260،000 ޑޮލަރެއްގެ ވާހަކަ ދެއްކި އިރުގައި، ދުނިޔެއަށް މި ފަހުގެ ތާރީހެއްގައި އައި އެންމެ ބޮޑު ބަލިމަޑުކަމަކީ ކޮވިޑް 19 ކަމަށެވެ. ނަމަވެސް ގޭސް ކުންފުނިން 2 ލައްކަ ޑޮލަރު ވަގަށް ނެގިކަމަށް ވިދާޅުވި އިރު އެމްޑީޕީ ސަރުކާރުގައި ވެންޓިލޭޓަރު ގަތުމުގެ ނަމުގައި ކޮވިޑް ތެރޭގައި 2 މިލިއަން ޑޮލަރު ކާލާފައިވާ ކަމަށެވެ. 

ވެންޓިލޭޓަރުތަކެއް ގަންނަން 2 މިލިއަން ޑޮލަރު ދުބާއީގެ ކުންފުންޏަކަށް ދީގެން ކާލައިގެން އެތިބީ. ކާލައިގެން އެތިބީ. އަދިވެސް އެ ނުހޯދިގެން މިއުޅެނީ. މިކިޔަނީ 2 މިލިއަން ޑޮލަރުގެ ވާހަކަ. ދެއްމެ އެ ދެއްކީ 2 ލައްކަ ޑޮލަރުގެ ވާހަކަ. އެހެންވީމާ 18 ލައްކަ ޑޮލަރު އިތުރެއް ނޫންތޯ އެއިރު ކާލާފައި އޮތް މިންވަރު. ދެން ބައްލަވާ އާރުޑީސީއާއި ފެނަކަ. ދެން އެވާހަކަ ދައްކަން ބޭނުން ނުވޭ. 
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

މީގެ ކުރިން ވެސް ގޭސް ގަންނަން ދިން ފައިސާ ގެއްލުނު މައްސަލައިގައި ފަލާހު ވިދާޅުވެފައިވަނީ ކޮންމެ ބަޔަކު ކުރިޔަސް ގޯސްކަމެއް ވާނީ ގޯސްކަމެއްކަމަށާއި ގޭސް ގަންނަން ފޮނުވި ފައިސާ ގެއްލިފައިވާނަމަ އެއީ ވަރަށް ބޮޑު މައްސަލަ އެއް ކަމަށެވެ.

މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެއްކި ފައިސާ އެވެ. 

ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތެވެ. މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލުނު މައްސަލަ އޭސީސީ އަންނަނީ ތަހުގީގު ކުރަމުންނެވެ. 

މިކަން ހިނގާފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އަދި އެއިރު ގޭސްގެ އެމްޑީއަކަށް ހުންނެވި އަބްދުالله މުހައްމަދު އާއި މެދު ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާ އިރު އަދިވެސް އޭނާ ހުރީ އެ މަގާމުގަ އެވެ.