ކައުންސިލް އިންތިޚާބު ގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވަޒީފާގެ ހުށަހެޅުމާއި، ބިރު ދެއްކުން ފަދަ ކަންކަން ދަނީ ހިނގަމުން ކަމަށް އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސް ކުރާ ކޮމިޓީގެ މެމްބަރު އަދި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. 

ކައުންސިލް އިންތިޚާބަށް ތައްޔާރުވުމަށް އެ ޕާޓީ އިން ތައްޔާރުވަމުންދަނީ ރޭވުންތެރިކަމާއި އެކު ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ. ޕްރައިމަރީގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ވާދަވެރި މާހައުލެއްގެ ތެރެއިން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް އިންތިޚާބަށް ހުރަސް އެޅުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ސަބަބުން ގޮންޖެހުންތަކާއި ދިމާވާ ކަަމަށް އޭނާ ވިދާޅުވި އެވެ. 

"ކެންޑިޑޭޓުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކަށް ވަޒީފާ ހުށަހެޅުމާއި ނުފޫޒު ފޯރުވުމުގެ ކަންކަން އެބަ ހިނގާ. އެ ގޮންޖެހުންތަކާއި އެކުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ." އޭނާ ވިދާޅުވި އެވެ.

ވިސްނުމަކީ ސަރުކާރުން ކިތަންމެ ނުފޫޒެއް ފޯރުވިޔަސް ރަނގަޅު ނަތީޖާ އެއް ކައުންސިލް އިންތިޚާބުގައި ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ޕްރައިމަރީ އާއި މެދު ސުވާލެއް ނު އުފެދޭ މިންވަރަށް ކަންކަން ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނޮވެމްބަރު 26 އާއި ހަމައަށް އެމްޑީޕީ ގެ މެމްބަރުންގެ ގޮތުގައި ތިބި ނަމަ, ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވޯޓު ލުމުގެ ހައްގު ލިބޭނެ އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީއެންސީގެ ޕްރައިމަރީ އާއި ގުޅިގެން ޕީއެންސީ އަށް ބަދަލުވެފައިވާ ކަަމަށް ފާހަގަކުރެވޭ ކަަމަށް ބިގޭ ވިދާޅުވި އެވެ. އެ މަރުހަލާގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. 

އެމްޑީޕީ އިން ވަނީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ ޓައިމްލައިން އެއް އެކުލަވާލާފަ އެވެ. އަދި އެ ޕާޓީ އިން ގެންގުޅެނީ އިންތިޚާބުތަކާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ އުސޫލުތަކެވެ.

ޕްރައިމަރީ ގެ ވޯޓުލުން ކުރިއަށް ދާނީ ޖެނުއަރީ 16 ވާ މެންދުރު ފަހު 2:30 އިން ރޭގަނޑު 08:00 އަށެވެ.

ކުރިއަށް އޮތް ކައުންސިލު އަދި ޑަބްލިޔުޑީސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ވާދަ ކުރުމަށް ކައުންސިލް އިންތިޚާބަށް 510 އަށް ވުރެ ގިނަ ކެނޑިޑޭޓުން، ޑަބްލިއުޑީސީ އަށް 190 އަށް ވުރެ ގިނަ ކެނޑިޑޭޓުން ހުށަހަޅާފައިވެ އެވެ.

ޕްރައިމަރީއަކާއި ނުލާ ހޮވޭ ފަރާތްތަކަށް އެކަން ޕާޓީ އިން ދަނީ އަންގަމުންނެވެ. މާލޭގައި 17 ދާއިރާ އެއްގައި ޕްރައިމަރީ ކުރިއަށް ގެންދާނެ އެވެ. އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕްރައިމަރީގައި ވޯޓު ލަނީ މާލެ އަށް ކަން ފާހަގަކޮށްލެވެ އެވެ.