އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ކުރިމަތިވަމުންދާ އިންޒާރުތަކާ ގުޅިގެން، ހަތިޔާރު ނަންގަވަން ތައްޔާރަށް ހުންނެވި ކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ މި އިންޒާރުތައް އައިސްފައިވަނީ، މިދިޔަ ހަފްތާ ބަންދުގައި އެމެރިކާގެ އަސްކަރީ ހަމަލާއެއްގައި ކޮލަމްބިއާގެ އަވަށްޓެރި ވެނެޒުއޭލާގެ ލީޑަރު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ކުރިން ހަނގުރާމަވެރި ޖަމާއަތެއްގައި މަސައްކަތް ކުރެއްވި ޕެޓްރޯ އަކީ، ފާއިތުވި މަސްތަކުގައި ޓްރަމްޕްގެ ފަރާތުން ބަހުގެ ހަމަލާތަކާއި އިންޒާރުތައް އަމާޒުވަމުންދާ ބޭފުޅެކެވެ. މީސްމީޑިއާ  'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޕެޓްރޯ ވިދާޅުވީ، ދެން ދުވަހަކު ވެސް ހަތިޔާރުގައި ނުޖެހުމަށް އޭނާ ވައުދުވެވަޑައިގެންފައިވީ ނަމަވެސް، ގައުމުގެ ދިފާއުގައި އަލުން ހަތިޔާރު އުފުއްލަވަން ޖެހިއްޖެ ހިނދެއްގައި އެކަން ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން، ޓްރަމްޕް ވަނީ ޕެޓްރޯ އަށް އިންޒާރު ދެއްވައި، އޭނާ އަކީ "ކޮކެއިން އުފައްދައިގެން އެމެރިކާ އަށް ވިއްކާ، ބަލިކަށި ވިސްނުމެއްގެ މީހެއް" ކަމަށް ސިފަކުރައްވާފަ އެވެ. ޕެޓްރޯ އަކީ ކޮލަމްބިއާގެ ތާރީޚުގައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ވާތުފިޔައިގެ ލީޑަރެވެ.