މާލޭ ވިޔަފާރި ބަނދަރު ވިއްކާލުމާއި ގުޅޭ ގޮތުން ދުބާއީގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވެސް ބައިވެރިވެވަޑައިގަތް ކަމަށް ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) ވިދާޅުވެއްޖެ އެވެ. 

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ތިލަފުށީގައި ތަރައްޤީކުރާ ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކަން އުޅޭ ކަމަށް އަޑު ފެތުރިފައިވާ އިރު އެކަމާއި މެދު އެމްޕީއެލް އިން އެއްވެސް ކޮމެންޓެއް ކޮށްފަ އެއް ނުވެ އެވެ.  ވިޔަފާރި ބަނދަރު ހިންގުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި މުއިއްޒުގެ ސަރުކާރުގެ އިސް ބައެއް މީހުން ބައިވެރިވިކަން އެނގިވަޑައިގަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ހުށަހެޅި އެއްވެސް ކަމަކަށް ޑީޕީ ވޯލްޑުން އެއްބަސްވެފައި ނުވާ ކަމަށް ޕާޕާ ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ކުންފުނީގައި ތިބި ދިވެހި މުވައްޒަފުން ވަޒީފާގައި ބޭތިއްބުމާއި، ފީތައް ކޮންޓްރޯލް ކުރުމުގައި ސަރުކާރުގެ ބަހެއް އެކުލެވޭ ގޮތަށް އެކުލަވާލުމަށް ހުށަހެޅި ހުށަހެޅުމަށް  ވެސް ޑީޕީ ވޯލްޑުން އެއްބަސް ނުވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ދެން ކަނޑުގެ ބަނދަރެއް ނުހެދޭ. މި ޝަރުތުތައް ހުރީމަ އެއްބަސް ނުވީ ކުރީ ސަރުކާރުތަކުން. އެކަމަކު މަގޭ ދިދަ އާ އޭ ކިޔާފަ އައިސް ކުރި ކަންތައް ނިކަން ބައްލަވާ. ނުކުމެ މި ވާހަކަ ދައްކަން ފެށީމަ ވެސް ބުނަނީ ނޯ ކޮމެންޓް. ނޯ ކޮމެންޓަކު ނުތިބެވޭނެ. މިއީ ޤައުމީ ކަމެއް." 
ރިޓަޔަރޑް ކާނަލް އަހުމަދު ފަޔާޒް

ޑީޕީ ވޯލްޑަކީ ޔޫއޭއީގައި ބޭސް ވެފައިވާ ކުންފުންޏެކެވެ.  ކުރިން ވެސް ރާއްޖޭގެ ބަނދަރާއި މެދު އެ ކުންފުނީގެ ޝައުގުވެރިކަން ހުރިކަން ސަރުކާރުތަކާއި ހިއްސާކޮށްފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް ދިވެހިންގެ ބާރުވެރިކަން ގެއްލޭ ގޮތަށް ބަނދަރު ދޫކޮށްލަން ބޭނުން ނުވާތީ އެއްބަސްވުންތައް ކުރިއަށް ގެންގޮސްފަ އެއް ނުވެ އެވެ.

ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރު ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި ފޭސް އަށް 60 މިލިއަން ޑޮލަރު ޚަރަދު ވާނެ އެވެ. މުޅި ބަނދަރުގެ މަސައްކަތަށް 10 އަހަރު ނަގާނެ ކަަމަށް ކުރިން އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.