ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށާއި މިއީ ސަރުކާރުން އަމިއްލަ މަންފާ އަށް އެކަނި ކުރާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު, މުޙައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ދައުރުން ބޭރުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާތަކަކީ ޣައިރު ގާނޫނީ އަދި ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުން ގަބޫލުކުރާތީ އެ ޖަލްސާތައް ބޮއިކޮޓް ކުރަން އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފަ އެވެ. 

އެކަމާއި މެދު ރާއްޖެޓީވީ ގެ "ސުންގަނޑި" އަށް ދެއްވި އިންޓަރވިއު އެއްގައި އޭނާ ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮތުމާއި އެކު އެމްޑީޕީގެ 5 މެމްބަރުން މި ވަގުތު ތިއްބެވީ ރަށުން ބޭރުގައި ކަމަށެވެ. އެހެންކަމުން އިދިކޮޅު ގެ 5 މެމްބަރުން ނެތީސް، ދައުރުން ބޭރުން ޖަލްސާތައް ބާއްވަނީ އިދިކޮޅުގެ އަޑު ކަނޑުވާލުމަށް ކަމަށް ކުޑޫ ވިދާޅުވި އެވެ.

މީގެ އިތުރުން ދައުރުން ބޭރުން ޖަލްސާ ބޭއްވުމުގެ ފުރުސަތު ދީފައި އޮންނަނީ މުހިންމު ހައްސާސް ކަންކަން ކުުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަން ކުޑޫ ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންނަމަ ވެސް  މަޖިލީހުގެ ނިމިދިޔަ ދައުރުގައި ވެސް ކުރާނެ މަސައްކަތެއް ނެތުމުން މަޖިލީހުގެ ޖަލްސާތައް އަވަހަށް ނިންމާލި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދައުރުން ބޭރުގައި ޖަލްސާ އެއް ބާއްވާނެ ކަން އެނގުނީ އާދިއްތަ ދުވަހު ހެނދުނު. އެޖެންޑާ ލިބުނީ ހަވީރުގެ ވަގުތެއްގައި. ކޮންމެވެސް ވަރަކަށް މަޝްވަރާ ކުރުން އޮވޭ އިދިކޮޅު ޕާޓީ އާއި. މަޖިލީހުގައި މަސައްކަތް ކުރަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން. ޤާނޫނުއަސާސީ ފަދަ މުހިންމު މައްސަލަތައް ބަހުސްކުރަން ވަގުތު ދޭން ވާނެ." ކުޑޫ ވިދާޅުވި އެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި، އެކަށީގެންވާ ނޯޓިހެއް ދިނުމަކާ ނުލައި، ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ހިލާފަށް ކުއްލި ޖަލްސާތަކެއް މި ބާއްވަނީ ގާނޫނުއަސާސީ އަށް އަވަސް އަރުވާލައިގެން ބަދަލުތަކެއް ގެނައުމަށް ކަމަށް ވެސް ކުޑޫ ވިދާޅުވެފައިވެ އެވެ. މި ބަދަލުތައް ގެންނަ ހަގީގީ މަގްސަދާއި މެދު ކުޑޫ ސުވާލު އުފެއްދި އެވެ.