ރައީސް ޑރ. މުހައްމަދު މުއިއްޒު ކޯޓުތަކަށް އަތް ނުބާނާ ކަމަށާ ބާނަނީ ހަތަރެސްފައި ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ކޯޓުތަކަށް އަތް ނުބާނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިރު އެމަނިކުފާނު ގެންވަނީ ހުރިހާ ކޯޓަކަށް ހަތަރެސްފައި ބާނަމުން ކަމަށެވެ.  

މީކާއިލް ވިދާޅުވީ ރައީސް ވަނީ ސުޕްރީމް ކޯޓު ވެސް ފުނޑާލުމަށްފަހު މިހާރު ހައި ކޯޓަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ. 

ސުޕްރީމް ކޯޓު ފުނޑާލައިފި. ހައި ކޯޓު ފުނޑާލަން މިހާރު އެ އުޅެނީ. ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހު އިންތިޚާބަށް އަދި އެހެންވެސް އިންތިޚާބުގަ ވާދަކުރައްވާފަ ތިބި ބޭފުޅުން މެޖިސްޓްރޭޓް ކޯޓާ ހައި ކޯޓާ ސިވިލް ކޯޓާ އެތަން މިތަނަށް ލައްވަފި. އެހެން ނަމަވެސް ފަނޑިޔާރު ގެއަކާ ވެސް ނުބެހޭނަމޭ. ފަނޑިޔާރު ގެއަކަށް އަތެއް ވެސް ނުބާނާނަމޭ. ތެދެއް. ފަނޑިޔާރު ގެއަކަށް އަތެއް ނުބާނާ. މުޅި ހަތަރެސްފައި ބޭނީ. މުޅި މީހާ ބާނައިގެން އެއޮތީ އެއަށް. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު މެންބަރު މީކާއިލް ނަސީމް 

މީކާއިލް ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހު އިންތިޚާބަށް އަދި އެހެންވެސް އިންތިޚާބުގަ ވާދަކުރައްވާފަ ތިބި ބޭފުޅުން މެޖިސްޓްރޭޓް ކޯޓާ ހައި ކޯޓާ ސިވިލް ކޯޓު ފަދަ ތަންތަނަށް އައްޔަނު ކުރައްވަނީ ސީދާ ރައީސް މުއިއްޒު ކަމަށެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ވިދާޅުވަނީ ފަނޑިޔާރު ގެއަށް ނުފޫޒު ނުފޯރުވާނެ ވާހަކަ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ. 

މީކާއިލް ވިދާޅުވީ ރައީސް އެހެން ވިދާޅުވި ނަމަވެސް މިއަދު ރައްޔިތުންނަށް ހަގީގަތް ފެންނަ ކަމަށެވެ. 

ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ރައީސް މުއިއްޒު ވަނީ މިފަހުން ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމުގައި ވާނުވާ ބަންދުގައި ގިނަ ދުވަސް ވަންދެން ތިބި މީހުންގެ ޝަރީއަތް ނިމޭނެ ތާރީޚު ވެސް ދެއްވާފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، އެއް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ވާނުވާ ބަންދުގައި ތިބި މީހުންގެ ކޯޓު މަރުހަލާތައް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށެވެ.