މިދިޔަ އޮގަސްޓް މަހު، 2 މަސްތެރޭ ފަށާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ބަނދަރުގެ މަސައްކަތް އަދިވެސް ނުފެށޭކަން ހާމަވެއްޖެ އެވެ.

ކުމުންދޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި، ބަނދަރު މިހާރު އޮތްތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށް، 2 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމުގައި ރައީސް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ވިދާޅުވެފަ އެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ކުމުންދޫ އަށް ޒިޔާރަތް ކުރައްވައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލައަކީ ބަނދަރުގެ މައްސަލަކަމަށް އޭރު ރައީސް ވަނީ ވިދާޅުވެފަ އެވެ. ހަމައެހެންމެ ބަނދަރު މިހާރު އޮތްތަނުގެ ސަބަބުން ދިމާވަމުންދާ މައްސަލަ ހައްލުނުކުރެވޭކަން މިހާރު ޔަޤީންވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިކަމަށް ދާއިމީ ހައްލެއް ގެނައުމަކީ އެ މަނިކުފާނުގެ ޒިންމާއެއް ކަމަށް ރައީސް ވަނި ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން ބޭނުންވާ ސަރަހައްދަށް ބަނދަރު ބަދަލުކޮށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށްޓަވާ، ބަނދަރު އަވަހަށް ނިންމަވައި ދެއްވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު މޫދަށް އެރޭ ސަރަހައްދެއް ހެދިގެންދާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

މިހާތަނަށް އައި އިރު ވެސް އެ ބަނދަރުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަން ފާހަގަކޮށް ރަށު ކައުންސިލާއި ރަށުގެ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ރަށުގެ ކައުންސިލުން ބުނާގޮތުގައި ކުމުންދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބަނދަރުގެ މައްސަލަ އެވެ. ކުމުންދޫ ބަނދަރުގެ ވައުދަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަން ފާހަގަކޮށްލެވެ އެވެ.