ދުަވަސްވީ މީހުންނަށް ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ ބޮޑު އާމްދަނީ އެއް ލިބޭ ނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު ގެ ކޮމިޓީ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ނިންމައިފި އެވެ. 

ދާއިމީ ބައްޔެއް ތަހައްމަލް ކުރާ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ދޫކުރެވޭނެ ގޮތެއް ހޯދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރު ކޮށްލުމަށް ފަހު ދައުރުން ބޭރުން ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ބަދަލުތަކެއް ހުށަހަޅާފަ އެވެ. 

އެ ގާނޫނަށް ކުޑޫ ހުށަހެޅުއްވި އިސްލާހު މަޖިލީހުން ބޭރު ކޮށްލުމަށްފަހު މިދިއަ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ  ޕެންޝަން ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެ ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އެވެ. ސަރުކާރުން ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބި ނުދެވޭނެ ކަން ކަނޑައެޅުން ކަމަށެވެ.

ބިލުގައި އިތުރަށް ބުނެފައި ވަނީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓްރައިޒް ކުރެވޭނެ ކަން ކަނޑައެޅުމަށާއި، ޓާރިމިނަލް އިލްނެސް ގެ ހާލަތްތަކުގައި އެ ފަރާތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަން ކަނޑައެޅުމާއި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނޫގައި ކަނޑައެޅުމާއި، ހައްޖުވުމަށްޓަކައި ކުރިއާލާ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުންވެސް ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ހޯމަ ދުވަހު އެ ބިލު މަޖިލީހަށް ބަލައިގަނެ، ބިލު ދިރާސާ ކުރަން ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވާފަ އެވެ. ހޯމަ ދުވަހު އެ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ ބިލުގެ ކޮމީޓީ މަސައްކަތް އަންގާރަ ދުވަހުގެ ނިޔަލަށް ނިންމުމަށެވެ. 

ނަމަވެސް އަންގާރަ ދުވަހު ކޮމިޓީގެ އިތުރު ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ގާނޫނަށް ހުށަހެޅިފައިވާ އެ އިސްލާހަށް ކަމާ ގުޅުންހުރި އިދާރާތަކުގެ ކޮމެންޓު ފޮނުވަން މި މަހުގެ ނިޔަލަށް ފުރުސަތު ދިނުމަށެވެ. އޭގެ އިތުރުން އަންނަ މަހުގެ ނިޔަލަށް ކޮމިޓީ އިން ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށް ވެސް އަންގާރަ ދުވަހުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވެ އެވެ.