ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމް ގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި އަމިން ކޮންސްޓްރަކްޝަން ޕްރައިވްޓް ލިމިޓެޑްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް 6 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އަމިން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ހިމެނޭ މުއާމަލާތާ ގުޅިގެން ބައްސާމް އަދީލް ޖަލީލްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ. އެހެންކަމުން، ހަމަ މި މުޢާމަލާތާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދައުވާ ސާބިތުނުވާކަމަށް އެކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދީ ގާނޫނީ އުސޫލުތަކާ ހިލާފަށްކަމަށް އެ އޮފީހަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.
އެހެންކަމުން އަމިން ކޮންސްޓްރަކްޝަން ގެ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ޤަޞްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. ނަމަވެސް، މިކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް އެ އޮފީހަށް ލިބުމުން އިސްތިއުނާފު ކުރުމާ މެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް ބުނެފައިވެ އެވެ.
ޕެންޓް ހައުސްގެ މައްސަލައިގައި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ބައްސާމުގެ މައްޗަށް ކުރި އިރު، އޭނާ ގެ އިތުރުން މި މައްސަލައިގައި ދެން ދައުވާ އުފުލީ އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑު މުހައްމަދު އަގީލް، ފެހިކުރި/ ގއ. ގެމަނަފުށި (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ)، ހަސަން ވަހީދު، މ. ހިރިނައިދޫ (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ)، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މަނީ ލޯންޑާ ކުރުމަށް އެހީތެރިވިކަމުގެ ކުށުގެ ދައުވާ) އެވެ.
އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ކަނޑައެޅުއްވި އަދަބަކީ ހިޔާނާތުގެ ކުށުގެ ދައުވާގެ ގޮތުގައި އަސާސީ އަދަބަށްވުރެ 3 ދަރަޖަ މަތިކޮށް 8 އަހަރަށް ޖަލަށްލުން އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.2 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދެއްކުމެވެ. އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ އަދަބެއްގެ ގޮތުގައި 15 އަހަރަށް ޖަލަށް ލުމާއެކު މަނީލޯންޑަރ ކުރި 44.4 މިލިއަން ރުފިޔާ ދެއްކުމަށް އަދި މަނީލޯންޑަރ ކުރިކަމަށް ބުނާ 5.8 މިލިއަން ރުފިޔާ ހުރި ތަނެއް ހޯދައި ދައުލަތަށް ނެގުމަށެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހަސަން ވަހީދާއި އަގީލާ މެދު އަދި ގޮތެއް ނުނިންމަ އެވެ. އަދި އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.