ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ފުރުމަށް "މައި ޕޯޓަލް" އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގަިއ ބުނީ، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ލިޔެކިޔުންތައް އަޕްލޯޑު ކުރުމަށްފަހު ފައިސާ ދެއްކުމަށްޓަކައި އިދާރީގޮތުން މައި ޕޯޓަލް މިހާރު ހުޅުވާލާފައި ވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މައި ޕޯޓަލް my.elections.gov.mv އަށް ލޮގިންވާނީ އެ ފަރާތެއްގެ އަމިއްލަ ވެރިފައިޑް އީފާސް އެކައުންޓު މެދުވެރިކޮށް ކަމަށެވެ. އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ޙައިސިއްޔަތުގެ ގޮތުގައި ސިޔާސީ ޕާޓީއެއް އިޚްތިޔާރުކޮށްފިނަމަ އެ ޕާޓީއަކުން، އެ ކެންޑިޑޭޓަކު އެންޑޯޒްކުރުމަށް ރިކުއެސްޓެއް ދާނެ ކަމަށާއި ސިޔާސީ ޕާޓީތަކުން މި ރިކުއެސްޓްތައް  ޕްރޮސެސް ކުރާނީ ސިމެދަ ޕޯޓަލް އިން ކަމަށެވެ. 

އިލެކްޝަންސް އިން ބުނީ، އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ދާއިރާތަކަށް ވާދަކުރާ ކެނޑިޑޭޓުން، ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 50 މީހުންގެ ތާއިދުވެސް ހޯދަންވާނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލާ ފަރާތުން، އެ ދާއިރާއަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، މޯބައިލް ނަންބަރު ޖަހައި ހުށަހެޅުމުން، ވޯޓުލުމުގެ ޙައްގު ލިބިގެންވާ ފަރާތަށް އެސް.އެމް.އެސްގެ ޒަރިއްޔާއިން އެކަން އެންގޭނެ ކަމަށާއި އަދި ތާއީދު ދިނުމުގެ ރިކުއެސްޓްތައް ޤަބޫލުކުރުން ނުވަތަ ނުކުރުން ކަނޑައަޅާނީ، ދާއިރާއަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށް މައި ޕޯޓަލްގެ ތެރެއިން ކަމަށް އިލެކްޝަންސް ގެ އިއިލާނުގައި ބުނެފައިވެ އެވެ.  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ތާއީދު ހޯދާކަށް ނުޖެހޭނެއެވެ.

އިންތިޚާބަށް ރަސްމީކޮށް އިއުލާނު ކުރަންވާއިރަށް، ކެނޑިޑޭޓުންގެ މަޢުލޫމާތު ފުރިހަމަކޮށް، ލިޔެކިޔުންތައް އަޕްލޯޑުކުރުމަށް ފަހު އިދާރީ ފައިސާ ދައްކަވާ ތައްޔާރުވެގެން ތިއްބެވުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ. އަދި މައި ޕޯޓަލްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބޭނުންވާނަމަ 1414 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދެ އެވެ.

 މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު، ލިޔެކިޔުންތައް އަޕްލޯޑުކޮށް ސޭވް ކުރި ނަމަވެސް، ކޮމިޝަނަށް ފޯމު ހުށަހެޅޭނީ، އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް ހުޅުވާލުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައި ވަނީ ފާހަގަކޮށްފަ އެވެ.