މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުގެ ދަށުން ރެސިޑެންޝިއަލް އިމާރާތެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަންގާރަ ދުވަހު އިއުލާން ކޮށްފި އެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް ގެ އުސޫލުން ހުޅުމާލެ 2 ގައި ރެސިޑެންޝިއަލް އިމާރާތެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށެވެ.

ހައްޖު ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއަށް ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހެނދުނު 11:00 ގައި ހައްޖު ކޯޕަރޭޝަން ގެ އިދާރާގަ އެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ފީއެއްގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު ދައްކަން ޖެހޭކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެ އަދަދަށް ވާ ޑޮލަރު ދައްކަން ޖެހޭކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި "ނިއަމް ރެސިޑެންސް" ގެ ނަމުގައި ހައުސިން މަޝްރޫއެއް ހިންގަން ނިންމައި، އެ އިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރީ ސެޕްޓެމްބަރު 24، 2024 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން މަޝްރޫއަށް ބޭނުންވާ އާކިޓެކްޗަރަލް އަދި އިންޖިނިއަރިން ކުރެހުންތައް ފޯރުކޮށްދިނުމާއި ކޮންސަލްޓެންސީ ގެ ހިދުމަތް އެފްޑީސީން ފޯރު ކޮށްދޭނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މަޝްރޫއުގެ ދަށުން ހަދާ އެޕާޓްމަންޓްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ އެވެ. ނަމަވެސް، ހަދަނީ ކިތައް އެޕާޓްމަންޓް ކަމާއި މަޝްރޫއާ ގުޅޭ އިތުރު ތަފުސީލުތައް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ހައްޖު ކޯޕަރޭޝަނުން މެއި، 2024 ގައި ހުޅުމާލެ އިން ދެ ބިމެއް ގަނެފައިވެ އެވެ. އޭގެ ތެރެއިން އެއް ބިމުގައި ނުވަ ފްލޯ ގެ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ސެޕްޓެމްބަރު 2024 ގައި ފަށާފައިވެ އެވެ. އެއީ 5،000 އަކަފޫޓުގެ ބިމެއް ގައި ހިންގާ މަޝްރޫއެކެވެ.

އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 79.1 މިލިއަން ރުފިޔާ އަށް މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ.

މީގެ ކުރިން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހައްޖު ކޯޕަރޭޝަނުން ވަނީ އެ ކުންފުނިން ހަލާލް ޓޫރިޒަމް ފަށާނެ ކަން ހާމަކޮށްފަ އެވެ. ނަމަވެސް އެ ކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އެ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.