ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ ވޯޓު އެއްކޮށްލަން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުގައި އެހެން މަޤްސަދެއް ހިމެނޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ވޭތުވެދިއަ ދޮޅު އަހަރުގެ ތެރޭގައި ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ގެންނަމުންދާ ބަދަލުތަކަކީ ހުރިހާ ބާރުތަކެއް ވެރިކަން ކުރާ ފަރާތުގެ މުށުތެރެއަށް ގެނައުމަށް ކުރާ މަސައްކަތެއް ކަމަށެވެ. މިގޮތަށް މިކަން ކުރުމުން މިނިވަން މުއައްސަސާތަކުގެ މުސްތައްޤިއްލުކަން ގެއްލި ސީދާ ސަރުކާރުގެ ނުފޫޒު މުއައްސަސާތަކުގެ މައްޗަށް ގަދަވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަހަލަ ބަދަލުތަކުން ރައްޔިތުންނަށް ވާނެ މޮޅެއް އޮންނާނެ ކަމަކަށް ނުފެންނަ ކަމަށާއި ހަމައެކަނި ވެރިކަން ދިފާއުކޮށް ބޭނުންވާ ބަޔަކަށް ފައިދާ ހޯދައިދިނުން މިކަމުން ހާސިލުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ސަރުކާރުގެ އަމަލުތައް ބައްޓަން ކުރަންވާނީ މުޅި ޤައުމާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދެވޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރަން ބޭނުންވާނަމަ އެންމެ ފުރަތަމަ ބޭކާރު ގޮތުގައި ކުރެވޭ ކަންކަން ހުއްޓާލަން ޖެހޭނެ ކަމަށާއި ސީދާ އެކަމުން ޤައުމަށް ފައިދާ ނުވާ ކަންކަން ހުއްޓާލަން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ޚާއްސަކޮށް ކުރާނެ މަސައްކަތެއް ނެތި ސިޔާސީ މަޤާމުތަކަށް އެއްވެސް އިމެއް އަދި މިނެއް ނެތި މީހުން ގިނަކުރުމުން ޚަރަދު ކުޑަކުރުމުގެ ވިސްނުން ސަރުކާރުގައި ހުރީ ކިހާވަރަކަށް ކަން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ވަކި ބަދަލުތަކެއް ގެނެސްގެން އިންތިޚާބު ކާމިޔާބުކުރަން މަގު ފަހިކުރުމަކީ އޭގައި ވަރަށް ގޯސް ކަންތައްތަކެއް ހިނގާނެ ކަމެކެވެ. ވެރިކަން ލިބޭ ކޮންމެ ބަޔަކު ވެރިކަމުގައި ތާ އަބަދު ތިބުމަށްޓަކައި މަސައްކަތް ފަށައިފިނަމަ އޭގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ކޮށް ޤައުމުގެ ހަމަޖެހުން ގެއްލި އަދި އިޤްތިޞާދަށް ލޮޅުން އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ޤައުމަށް އުފާވެރިކަން ހޯދައިދިނުމެއް ނޫން ކަމަށާއި މިއީ ޤައުމާއި ރައްޔިތުން ފުން ވަޅުގަނޑަކަށް އަމިއްލަ ދަހިވެތިކަމުގައި ވައްޓާލުން ކަމަށް ފައިސަލް ސިފަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އަރިހުން ފައިސަލް އެދިވަޑައިގަތީ ޤައުމާއި ރައްޔިތުންގެ މަސްލަޙަތު އިސްކުރެއްވުމަށެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ މުސްތަޤިއްލުކަން ވަކި ބާރެއްގެ ގޮތުގައި އޮންނަ އޮތުން އެގޮތަށް ބޭއްވުމަށާއި މަޖިލީހަށް ގެންނަ ބަދަލަކީ މަޖިލީހުގެ އަދަދު މަދުކޮށް އަދި މުޅި އަތޮޅުން ވޯޓު ލައިގެން ހޮވާ ބަޔަކަށް ހެދުމަށް އޭނާ ގޮވާލެއްވި އެވެ.

މިނިވަން މުއައްސަސާ ތަކަށް މީހުން އައްޔަންކުރުމުގެ ދައުރަކީ މަޖިލީހުން މިނިވަންކަމާއެކު ކުރާ ކަމެއްގެ ގޮތުގައި ބޭއްވުމަށާއި ފުރިހަމަ މިނިވަން ޖުޑިޝަރީ އަކަށް މަގު ފަހިކުރުމަށްޓަކައި ސިޔާސީ މީހުން ޖޭއެސްސީ ގައި ހިމަނާ ހިމެނުން ދޫކޮށް ފަނޑިޔާރުންނަށް ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މަގު ފަހިކުރުމަށް ވެސް ފައިސަލް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނު ތަކަށް ކުއްލި ބަދަލު ގެނައުން ހުއްޓާލައި ޒިންމާދާރުކަމާއެކު މިފަދަ މަސައްކަތް ކުރުމަށާއި ޤާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ އެހާ ފަސޭހައިން ކުރެވޭ ކަމެއްގެ ގޮތުގައި އޮތް އޮތުމާ މެދު ވިސްނައި، ޤައުމަށް މިއަށްވުރެ ރަނގަޅު ގޮތެއް ހޯދުމަށް ފައިސަލް ވަނީ ރައީސް މުޢިއްޒަށް ގޮވާލައްވާފަ އެވެ.

މި ސަރުކާރު ހިންގާ ޕީއެންސީ އަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ލިބުނު ފަހުން ދެ ފަހަރު ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން މަޖިލީހުގެ މެންބަރުން ހުވާ ކުރުމަށްފަހު ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުން ވަކިކުރެވޭ ގޮތަށް، އަދި އަތޮޅު ކައުންސިލުތައް އުވާލަން ނިންމައި މީގެ ކުރިން ވަނީ ޤާނޫނު އަސާސީ ބަދަލުކޮށްފަ އެވެ.