އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދެ ދިވެހީން ނިޔާވެއްޖެ އެވެ.

ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީގެ މިޑީއާ ގުރޫޕަށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ، ފިރިހެން ދެ އުމްރާވެރިޔަކު ނިޔާވެފައިވާ ކަމަށާއި، ދެ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.  

އެއީ ސަފާ ގްރޫޕާއި ހިޖާޒް ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ދެ މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މި ދެމީހުންގެ ވަނަވަރު އާއްމު ކޮށްފައިނުވާއިރު، މަރާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާ ކޮށްފައިނުވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންގެ ތެރެއިން އެކަކަކީ ރާއްޖޭގެ އޮޑިޓާއި މާލީ ދާއިރާ އަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، އަދި ލިޔުންތެރިޔާ މ. ސާނިޔާ އިބްރާހީމް ރަޝީދު (ވައިކަރަދޫ ރަޝީދު) އެވެ. 

ހދ. ވައިކަރަދު އަށް އުފަން ރަޝީދު ވަނީ   36 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވާފަ އެވެ. އެގޮތުން އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގައި މަސައްކަތް ކުރައްވާފައިވެ އެވެ. 

މީގެ އިތުރުން ރަޝީދު ވަނީ ވަރަށް ގިނަ ނޫސް މަޖައްލާތައް ނެރުއްވާފަ އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ތާރީހާ ގުޅޭ ދެ ފޮތެއް ލިޔުއްވާފައިވެ އެވެ.

މީގެ އިތުރުން 31 ޑިސެންބަރު 2025 ވީ ބުދަ ދުވަހުގެ ރޭ އަލްމަނާސިކް ގުރޫޕާ ހަވާލުގައި ވެސް އުމްރާއަށް ދިޔަ 62 އަހަރުގެ ފިރިހެނެއް ނިޔާވެފައިވެ އެވެ.

ސްކޫލުގެ އަހަރީ ޗުއްޓީއާ ދިމާކޮށް މިފަހަރު ހަތް ހާހަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާ ކުރަން ސައުދީއަށް ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.