ނ. މަނަދޫ ކައުންސިލުން ކޮންޓްރެކްޓަރު އަގުު ހުށައަޅާފައިވާ ސްޕެސިފިކޭޝަނަށް ނުފެތޭ ޕިކަޕެއް ބަލައިގަނެ ފައިސާ ދެއްކި ކަމަށް އެ ކައުންސިލް ގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

މަނަދޫ ކައުންސިލް ގެ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.46 ވަަނަ މާއްދާގައި ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަންނަން ވާނީ، އެގްރީމެންޓުގައިވާ ގޮތުގެ މަތިން އެކަންތައްކޮށް ނިންމުމުން ކަމަށާއި، އެގްރިމެންޓާ ހިލާފަށް ކޮށްފައިވާ ކަންތައްތަކާއި ވިއްކާފައިވާ ތަކެތި ބަލައިގަނެގެން ނުވާނެކަމަށާއި އަދި އެކަމެއްގެ ނުވަތަ އެ އެއްޗެއްގެ ފެންވަރު ރަނގަޅު ނޫން ކަމަށްވާނަމަ، އެކަމެއް ރަނގަޅު ކުރުމަށް ނުވަތަ އެ އެއްޗެއް ބަދަލު ކުރުމަށް އެ ފަރާތަކަށް އަންގައި މިކަމަށް ދައުލަތުން އެއވްެސް ހަރަދެއް ކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އަދި ކައުންސިލް ގެ އިދާރާ އަށް ޕިކަޕެއް ހޯދުމަށް ކޮށްފައިވާ އިއުލާނާއި ގުޅިގެން، ބިޑް ހަވާލުކޮށްފައިވާ ފަރާތުން ބިޑް ހުށަހަޅާފައި ވަނީ،  2019 ވަނަ އަހަރަށް ވުރެ ފަހުގެ އަދި މައިލޭޖް 94،000 ކިލޯމީޓަރު ގެ ޕިކަޕެއް 432،000 ރުފިޔާ އަށް ސަޕްލައި ކޮށްދިނުމަށް ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ. 

ނަމަވެސް އެ ފަރާތުން ކައުންސިލް އިދާރާއަށް ސަޕްލައިކޮށްދީފައި ވަނީ 2017 ވަނަ އަހަރު ގެ ޕިަކަޕެއް ކަމުން ހުށަހަޅާފައިވަނީ ސްޕެސިފިކޭޝަންއާ ދިމާ ނުވާކަން ފާހަގަ ކޮށްފައިވެ އެވެ. އަދި މީގެ އިތުރުން، ޕިކަޕު ހަވާލު ކުރި އިރު މައިލޭޖް ހުރި މިންވަރު ކައުންސިލްގެ އިދާރާ އިން ބަލާފައިވާކަން ލިޔެކިޔުމުން އެނގެން ނެތުމުން ހުށަހަޅާފައިވާ މައިލޭޖް އަށް ފެތޭކަން ޔަގީން ކުރެވެން ނެތްކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ދައުލަތުގެ ތަންތަނުން ހަވާލުކުރާ މަސައްކަތްތަކާއި، ހޯދާ ހިދުމަތްތަކާއި، ގަންނަ ތަކެތި ބަލައިގަތުމުގައި އަމަލުކުރުމަށް އަންގާފަ އެވެ. އަދި އެއްބަސްވުމާއި ހިލާފަށް ސަޕްލައި ކޮށްދީފައިވާ ޕިކަޕް ބަލައިގަނެ ފައިސާ ދައްކާފައިވުމުން، މި އަމަލަކީ ދައުލަތުގެ މާލިއްޔަތު ގެ ގަވާއިދު ގެ 17.01 ވަނަ މާއްދާގައި ބަޔާން ކުރާފަދަ ހުއްދަ ނޫން އަމަލެއް ކަމުގައި ބެލެވޭތީވެ، އެ ގަވާއިދުގެ 17.03 ވަނަ މާއްދާއާއި އެއްގޮތަށް އިދާރާގައި މިފަދަ މައްސަލަ ބެލުމަށް މިިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބެލި ބެލުމުން އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާންޖެހޭ ކަމަށް ކަނޑައެޅިއްޖެނަމަ، އެ މީހެއްގެ ނުވަތަ އެ ބައެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެފަރާތެއް ޖޫރިމަނާކޮށް، އެ ފައިސާ ދެއްކުމަށް އަންގާފައިވެ އެވެ. 

އަދި ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބީލަކަށް ނުފެތޭ ޕިކަޕެއް ސަޕްލައިކޮށްފައިވާތީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންޓްރެކްޓަރާ މެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ އަންގާފަ އެވެ.