އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" އޮލިމްޕަހު ގައި ދައްކަން ފަށާ، ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ. 

އޮލިމްޕަހުގައި ބުދަ ދުވަހުގެ ރޭ ޕްރިމިއާ ކުރި "ޕަރީ" ފިލްމު ބަލައިލުމަށް ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު، ފިލްމު ކުރިއަށް ދިޔަ ވަގުތު އޯޑިއެންސްގެ ތަރުހީބު ވަރަށް ބޮޑެވެ. ޚާއްސަކޮށް، ބައެއް ސީންތަކަށް ލިބުނު ބޮޑު ތަރުހީބާއެކު، ބެލުންތެރިންގެ ހުނުމާއި ހަޅޭކުގެ އަޑު ސިނަމާ ތެރޭގައި ވަނީ ގުގުމާލާ ފައެވެ.

ފިލްމު ބެލުމަށްފަހު ރާއްޖެއެމްވީ އާ ވާހަކަދެއްކި އެންމެން ވެސް ބުނީ ފިލްމު ވަރަށް މޮޅު ކަމަށެވެ. ފިލްމުގެ މަންޒަރުތަކާއި އަޑުގެ އިތުރުން ފަންނާނުންގެ އެކްޓިންގ ވެސް ކަމުދިއަ ކަން ގިނަ ބަޔަކު ފާހަގަ ކުރިއިރު އެންމެ ގިނަ ބައެއްގެ ތައުރީފު އޮހިގެން ދިޔައީ "ޕަރީ" އަށެވެ. އައިޝަތު ލަމްސާ ލަތީފް ގެ ރޯލަށް ތައުރީފު ނުކުރާ އެކަކުވެސް ނެތެވެ. 

ބެލުން ތެރިން މި ވަނީ ޕަރީ އަކީ ރާއްޖޭގެ އެންމެ މޮޅު ފިލްމް ކަމަށް ނިންމައިފަ އެވެ. މިއީ ބޮލީވުޑް އާ އެންފެންވަރުގެ ފިލްމެއް ކަމަށް ބައެއް މީހުން ބުނި އިރު އަނެއް ބަޔަކު ބުނީ ހޮލީވުޑްގެ ތަރިންނަށް ދިވެހި ފަންނާނުން ދޫ ނުކުރާ ކަމަށެވެ. ފިލްމަށް ފަހު ބައެއް ބެލުން ތެރިން ވަނީ ފިލްމުގެ ޑައިރެކްޝަން، ސްޓޯރީ، ސްކީރްންޕްލޭ، ސިނަމަޓޯގްރަފީ، ވީއެފްއެކްސް އަދި ސައުންޑްގެ މަސައްކަތްތަކަށް 100 މާކްސް ދީފަ އެވެ.

ދިވެހި ފިލްމުތަކަށް ބެކް މިއުޒިކް ތައްޔާރުކުރާ މިއުޒީޝަނަކު މި ފިލްމު ބެލުމަށްފަހު ބުނެފައިވަނީ މިއީ އޮލިމްޕަހުގައި މިހާތަނަށް އެޅުވި ސައުންޑްގެ މަސައްކަތް އެންމެ ފުރިހަމަ މަސައްކަތް ކަމަށެވެ. 

ފިލްމު ބެލި، ފިލްމު އުފައްދާ ޕްރޮޑިއުސަރަކަު ބުނި ގޮތުގައި މިއީ އޮލިމްޕަހުގައި އެޅުވި ޑައިރެކްޝަން އާއި ސައުންޑާ ވީއެފްއެކްސް އެންމެ މޮޅު ފިލްމު ކަމަށެވެ.

މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކޮށްފައިވާ ފިލްމަކަށް ވާއިރު، ޑައިރެކްޑް ކޮށްފައިވަނީ އަލީ ސީޒަން އެވެ. މިއީ އަލީ ސީޒަން ގެ އެންމެ "ބެސްޓް" މަސައްކަތް ކަމަށް ސީޒަން އަމިއްލަ އަށް ބުނެފައިވާއިރު، އެކަން ފިލްމު ބެލި އެންމެ ވެސް ވަނީ ފާހަގަކޮށް ފައެވެ. އަހުސަން އާ ސީޒަން ގެ މި ފިލްމަކީ ދިވެހީން ފަޚުރުވެރިވާ ވަރުގެ މޮޅު ފިލްމެކެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީ ފަދަ މޫނުތައް ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން ލަންކާގެ ބައެއް ފިލްމީ ތަރީން ވެސް މި ފިލްމުގައި ހަރަކާތްތެރިވެފައި ވެއެވެ. ފިލްމުގެ ކޮންމެ ކާސްޓެއް ވެސް ދައްކުވައި ދީފައިވަނީ ތަފާތު މޮޅު އެކްޓިންގ އެކެވެ.

އަވަށްޓެރި ސްރީލަންކާގައި 99 އިންސައްތަ ޝޫޓް ކޮށްފައިވާ މި ފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމެކެވެ.

ފިލްމު ނިންމާލީ "ޕަރީ: ޗެޕްޓަރ 2" ގެ ޓްރެއިލާރ ދައްކާލުމަށްފަހުގަ އެވެ.