ގެދޮރުވެރިޔާ ފްލެޓުތަކުގެ ގިނަ މައްސަލަތަކެއް ފާހަގަވާ ކަމަށާއި، ޝަކުވާ ހުށަހެޅި ނަމަވެސް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން އެދެވޭ ޖަވާބެއް ނުދޭ ކަމަށް ފަހި ޔޫނިއަން އަދި އުތުރުތިލަފަޅު ޔޫނިއަން އިން ބުނެފި އެވެ.

ސޯޝަލް ހައުސިން ސްކީމްތަކުން ފްލެޓް ލިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ، ފަހި ޔޫނިއަނާއި އުތުރުތިލަފަޅު ޔޫނިއަން ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން ވިދާޅުވީ ގެދޮރުވެރިޔާގެ ފްލެޓުތައް ހަވާލު ކުރަމުންދާއިރު، ގިނަ މައްސަލަތަކެއް ފާހަގަވަމުންދާ ކަމަށެވެ.

އެގޮތުން ފެނުގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި ޝަކުވާ ހުށަހެޅި ނަމަވެސް ދައީމީ ހައްލެއް ނުލިބޭ ކަމަށެވެ. މިހާރު ވެސް ބައެއް އެޕާރޓްމަންޓުތަކުގެ ދޮރުތަކުގެ ތަޅު މައްސަލަ ޖެހިފައިވާ ކަމަށާއި، ތަން ހަވާލުކުރާއިރު، މިފަދަ މައްސަލަތައް ހުރެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ބައެއް އެޕަރޓްމަންޓުތަކުގައި ހަރުކޮށްފައި ވަނީ ތަފާތު އެކިއެކުލާގެ ދޮރުތައް ކަމަށާއި، އެއީ މީހުންނަށް އެހާ ކަމުދާ ކަމެއް ނޫން ކަމަށެވެ. 

ގިނަ ބަޔަކު އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާނެކަން ފާހަގަކުރައްވައި އިބްރާހިމް ނޫރައްދީން ވިދާޅުވީ ރަނގަޅު ޕާކިން ޒޯނެއް ނެތް ކަމަށާއި، މިއީ ވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. މިހާރު ވެސް އެކިއެކި މަސައްކަތްތައް ކުރިއަށްދާ ސަރަހައްދަކަށްވާތީ، ރައްކާތެރި ގޮތެއްގައި މިކަންކަން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ލިފްޓު ހުއްޓޭ މައްސަލަ ވެސް ފާހަގަކުރެވިފައިވާ ކަމަށާއި، ލިފްޓުގައި މީހުން ތާށިވުމުން އެކަމަށް ދޭ ރެންސްޕޮންސް ވަރަށް ލަސް ކަމަށެވެ. 

އޭނާ ވިދާޅުވީ މި ޝަކުވާތައް ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށާއި، ޔޫނިއަންގެ ފަރާތުން އެފްޑީސީގެ ސަމާލު ކަމަށް މިމައްސަލަތައް ގެނައި ނަމަވެސް މިކަންކަމަށް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި އެފްޑީސީގެ ފަރާތުން އެދެވޭ ޖަވާބެއް ވެސް ނުލިބޭ ކަމަށެވެ. 

ހަމައެއާއެކު އެބޭފުޅުންނަށް ޝަކުވާ ކުރެއްވުމުން އެބޭފުޅުން ވިދާޅުވަމުން ދަނީ ޕޯޓަލްގެ ތެރެއިން އެބޭފުޅުންނަށް ޝަކުވާ ހުށަހެޅުއްވުމަށް. ޕޯޓަލްގެ ތެރެއިން ޝަކުވާ ހުށަހެޅުމުން އޭގެ ޖަވާބު ނުލިބި ދެހަފްތާ ތިން ހަފްތާ ވެގެން ދިއުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް.  ވީމަ އަޅުގަނޑުމެން މިއެދެނީ މިހުރިހާ ކަމަކަށް ވީ އެންމެ އަވަހަށް އެޓެންޑް ވެ ވީހާ ވެސް ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ކުރިއަށް ގެންގޮސް ދިނުމަށް.
ފަހި ޔޫނިއަންގެ ރައީސް އިބްރާހިމް ނޫރައްދީން

ޔޫނިއަންއިން ފާހަގަކުރި މި މައްސަލަތަކާ ގުޅޭގޮތުން އެފްޑީސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މިފަހުން ވެސް އެފްޑީސީން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލަ ބޮޑުވެފައިވާއިރު، މި މައްސަލަ ހައްލު ކޮށްފައިވާ ކަމަށް އެކޯޕްރޭޝަނުން ބުނެފައިވެ އެވެ. 

ދޮރުވެރިޔާ ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް އެފްޑީސީން ދަނީ ކުރަމުންނެވެ. އަދި ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ތަޅުގަނޑިތައް ހަވާލުކޮށް ނިމޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެ އެވެ. ނަމަވެސް މި މަސައްކަތުގެ ސްޕީޑް ވެސް ވަރަށް ލަސް ކަމަށާއި، މިކަން ވެސް ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.