ޕީއެންސީ ވެރިކަމަށް ގެންނަން މަސައްކަތްކޮށްފައި ވާނެ ކަމަށާއި ނަމަވެސް ވެރިކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ގެނައުމުން ކަންކަން ރަނގަޅުކުރަން އުޅޭތަން ނުފެންނަ ކަމަށް ނޮޅިވަރަމް އަށް ނިސްބަތްވާ އާއްމު މީހަކު ބުނެފި އެވެ. 

އޭނާ އެފަދައިން ބުނެފައި ވަނީ ރާއްޖެޓީވީގެ ހާލު ކިހިނެތް ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

އޭނާ ބުނީ މި ސަރުކާރު އައިފަހުން ތަރައްޤީގެ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ފަށާ ކަންކަން ވެސް ކުރިއަށް ނުދާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުމާއި ކަރަންޓު ބިލު ބޮޑުވުމުގެ މައްސަލަ ވެސް ފާހަގަކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

 "ފަށާފައި ބިންގާ އަޅާފައި އެބަ ހުރި. އަގު ބޮޑު ވަރަށް އެއްޗެހި. ރަނގަޅުވާނީ ވެރިއަކަށް ހުންނަ މީހަކު ކޮށްދިނިއްޔާ އަހަންނަކަށް ހިއެއް ނުވޭ ވެރިއަކަށް ހުރި މީހާ ކޮށްދީފާނެ ހެނެއް." އޭނާ ވަނީ ބުނެފަ އެވެ.

ބަލި ފިރިއަކާއި، ބަލިކޮށް އުޅޭ ދަރިއަކު ގޮވައިގެން އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައި ކަަމަށް އޭނާ ވަނީ ބުނެފަ އެވެ. މިހާރު ވެސް ފިރިމީހާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ދިން ބޭސް ނުލިބިގެން އުޅެން ޖެހޭ ހާލު އޭނާ ވަނީ ކިޔާދީފަ އެވެ. އޭނާ ބުނީ ފިރިމީހާ އަށް ދިން ބޭސް ކުޅުދުއްފުށިން ވެސް ނުލިބިގެން، މާލެ އިން އެ ބޭސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. އަދި އާސަންދަ ވެސް ލިބެނީ ވަކި ބޭސްތަކަކަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި ވަޒީފާ ލިބުމުގައި ވެސް އިންތިހާ ދަތިތައް ހުރި ކަމަށް އޭނާ ބުނެފައި ވެ އެވެ.

"އިހަށް ދުވަހު ބަޔަކު އައިސް އިންޓަރވިއު ކުރި، އެހި ކޮއްކޯ އޭ ވަޒީފާ އަދާކުރެވޭނެ ހޭ. އެ ކުއްޖާ ބުނި އާނއެކޭ. ކުނި ކެހޭނެ ހޭ. އެ ކުއްޖާ ބުނި އާނއެކޭ. އެ ފަހުން އެ ކުއްޖާ އެ އަހަނީ. މަންމާ އޭ އެ މީހުން ހަބަރެއް ނުވެ އޭ. އަހަރެން ބުނިން ދަރިފުޅާ އޭ އެ ވިއްޔޭ އެކަންތައް. ދެން ހުރި ކުއްޖާ ވަޒިފާ އަށް ލާ، ނު އެއް ލިބޭ" މިހރން އޭނާ ވަނީ ބުނެފަ އެވެ.

މި ވެރިކަން އޮވެގެން އެއްވެސް ކަމެއް ރަނގަޅު ވެދާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުނެއެވެ.