ކަސްޓަމްސްގެ ގާނޫނުގައި ވަޒީފާ އިން ވަކިކުރާ މީހުންނަށް ރިޓަޔަމަންޓް ޕެންޝަން ނުލިބޭނެ ކަމަށް ބަޔާން ކޮށްފައި ވާއިރު، ސިނގިރޭޓް މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީފާ އިން ވަކިކުރި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދަށް ރިޓަޔަމަންޓް ޕެންޝަން ދެމުން އަންނަ ކަން ހާމަވެއްޖެ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ވަހީދަށް ރިޓަޔަމަންޓް ޕެންޝަން ފައިސާ އަންނަނީ ދެމުންނެވެ.

ކަސްޓަމްސްގެ ގާނޫނުގެ 20 ވަނަ މާއްދާގެ ބ. ގައި ބަޔާން ކޮށްފައި ވަނީ ކަސްޓަމްސްގެ ވަޒީފާ އިން ވަކިކުރާ މީހުން ފިޔަވައި ވަޒީފާ އިން ވަކިވާ ކޮންމެ މީހަކީ އެ ގާނޫނުގެ ދަށުން ހަދާ ރިޓަޔަމަންޓް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ކަސްޓަމްސްގެ ވަޒީފާ އިން ވަކިވި މީހެއް ކަމަށް މިނިސްޓަރަށް ކަނޑައެޅިދާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ކަސްޓަމްސްގެ ވަޒީފާ އިން ވަކިކުރާ އެއްވެސް މީހަކަށް އެ ގާނޫނުގައި ބަޔާންކުރާ އެއްވެސް އިނާޔަތެއް ނުލިބޭނެ ކަމަށެވެ.

ގާނޫނުގައި ރިޓަޔަމަންޓް ޕެންޝަން ލިބޭނީ ހަމައެކަނި އެ މުއައްސަސާ އިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ މީހުންނަށް ކަމަށް ބުނެފައި ވާއިރު، ވަޒީފާ އިން ވަކިކުރި މީހަކަށް ރިޓަޔަމަންޓް ޕެންޝަން ހަމަޖައްސައިދިނީ ކޮން އުސޫލެއްގެ ދަށުން ކަމެއް އަދި ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް މުއިއްޒު އަންގަވައިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، މީގެ 35 އަހަރު ކުރިން ކަސްޓަމްސް އާއި ގުޅުނު އަބްދުﷲ ވަހީދު ވަޒީފާ އިން ވަކިކުރީ އެއްވެސް ތަހުގީގެއް ނުކޮށް، ޖަވާބުދާރީ ވާނެ ފުރުސަތެއް ވެސް ނުދީ އެވެ. މިކަމާ ގުޅިގެން އޭރު ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް ވަގަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސް އިން ސިނގިރޭޓުތަކެއް ބޭރުކުރި މައްސަލައާ ގުޅިގެން، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން ދިން ލަފަޔާއެކު ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ވަކިކުރުމުގެ އިތުރުން ތިން މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އަންގަފައިވާ ކަމަށެވެ.

އަބްދުالله ވަހީދުގެ އިތުރުން ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މަހްމޫދު ރިޔާޒް ވެސް ސިނގިރޭޓް މައްސަލައިގައި މަގާމުން ވަކިކުރި އެވެ. ނަމަވެސް ކުރިމަތިވި ފާޑުކިޔުން ތަަކާއެކު ރައީސް މުއިއްޒު ފަހުން ވަނީ މަހުމޫދު ރިޔާޒުގެ މަގާމު އަލުން އިއާދަކޮށްފަ އެވެ. 

މި މައްސަލައިގައި ރައީސް މުއިއްޒު ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރަކަށް ގާނޫނުގައި ވަކި ގޮތަކަށް ބަޔާން ކޮށްފައި ވަނިކޮށް ރިޓަޔަމަންޓް ޕެންޝަން ދެމުން އަންނަ ކަމުގެ ސުވާލު އުފެދިފައިވާއިރު، މިކަމާ ގުޅިގެން ކަސްޓަމްސް ގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީ އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ.