ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިފަހުން ފެނުނު ދެ ހަށިގަނޑަކީ ގެއްލިގެން ހޯދަމުންދާ ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފި އެވެ. 

އއ. އުކުޅަހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ރަޝިއާގެ ފަތުރުވެރިއެއް 17 ޑިސެންބަރު 2025 ގައި ވަނީ ގެއްލިފަ އެވެ. އެއީ 48 އަހަރުގެ ރޯމަން ލުރޮޗްކިން ނަމަކަށް މީހެކެވެ. އޭނާ ގެއްލުނު ކަމަށް ބެލެވެނީ މޫދަށެވެ. 

އޭގެފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދެމީހެއް ހަށިގަނޑު ވަނީ ފެނިފަ އެވެ.

އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ރ. ކިނޮޅަހު ބޭރުން 2026 ޖެނުއަރީ 04 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑު ކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑުގެ އިތުރުން ކ. ކަނޑޫމާތިލަ ކައިރިން 2025 ޑިސެމްބަރު 21 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާ އަށް ބަލާއިރު، އެއީ 2025 ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ޔަގީން ކުރެވިފައިވާ ކަަމަށެވެ. 

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.