ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން ކަށަވަރުކޮށްދިނުމަށް "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ" އުފައްދަވައިފި އެވެ.

މި އެޖެންސީ އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގެ 116 ވަނަ މާއްދާގެ ހ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ކަމަށް ބުނެފައިވެ އެވެ.

ރައީސް އޮފީހުން ބުރާސްފަތި ދުވަހުގެރޭ ކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ 38 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ މި އެޖެންސީ އުފައްދަވާފައިވާ ކަމަށެވެ. މި އެޖެންސީ އުފައްދަވާފައިވަނީ މިދިޔަ އަހަރު މެއި މަހުގެ 19 ވަނަ ދުވަހު ރައީސް މުއިއްޒު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލުގެ ދަށުންނެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ އަކީ ސްޕޯޓްސް މިނިސްޓްރީ ގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް މުއިއްޒު ހަމަޖައްސަވައިފައިވާ އިދާރާއެކެވެ. އިދާރީ ގޮތުން ސްޕޯޓްސް މިނިސްޓްރީ އާއި ގުޅިފައިވާ އެޖެންސީ އެއް ނަމަވެސް، ގަނޫނުގައި ވާގޮތުން އެ އިދާރާ ހިނގަމުންދާނީ ކުޅިވަރުގެ މައިދާނު ގައި ޑޯޕިން ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅޭ މުސްތަގިއްލު ބޯޑެއްގެ ދަށުންނެވެ.

ގާނޫނުގައި ވާގޮތުން، ޔުނެސްކޯ ކޮންވެންޝަން އާއި ވޯލްޑް އެންޓި ޑޯޕިން ކޯޑާއި އެއްގޮތްވާ ގޮތުގެ މަތިން ކުޅިވަރު މައިދާނުގައި ޑޯޕިން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މުސްތަގިއްލު ބޯޑެއްގެ ދަށުން މި އެޖެންސީ ހިންގަންވާނެ އެވެ. 

މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިން އެޖެންސީ ގެ ބޯޑު އެކުލަވާލާނީ، ދިވެހިރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި، ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސް އާއި އެއްގޮތްވާ ގޮތަށް ކުޅިވަރާބެހޭ ވަޒީރު ކަމަށް ގާނޫނު ގައި ބަޔާންކޮށްފައިވެ އެވެ.