އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި އެވެ.

މި ބައްދަލުވުން ބޭއްވީ އިންތިޚާބާ ބެހޭ މަރުކަޒުގެ ހޯލުގަ އެވެ. މި ކޮމިޓީއަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ގަވާއިދުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އިންތިޚާބާ ގުޅޭ ލަފާ ހޯދުމަށާއި މަޝްވަރާ ކުރުމަށް އެކުލަވާލެވިފައިވާ ކޮމިޓީއެކެވެ.

މި ކޮމިޝަނުގެ އިތުރުން، ދަޢުލަތުގެ އެކި މުއައްސަސާތަކާއި، މިނިވަން މުސްތައްޤިއްލު ކޮމިޝަންތަކާއި އަދި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ތެރެއިން މިކޮމިޝަނުން ކަނޑައަޅާފައިވާ 2 ޖަމިއްޔާއަކުން ޖުމްލަ 32 މެންބަރުން މި ކޮމިޓީގައި ބައިވެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

މި ބައްދަލުވުމުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އާ ގުޅޭ މުހިންމު މައުލޫމާތުވަނީ ޙިއްސާކޮށްފަ އެވެ. އެގޮތުން، އިންތިޚާބާ ބެހޭ ލަފާދޭ ޤައުމީ ކޮމިޓީގެ މަޝްވަރާތަކުގައި އެކަކު އަނެކަކަށް އިޚްތިރާމް ކުރުމަށާއި ބައްދަލުވުމުގެ މަޤްސަދާއި އިންތިޚާބު އޮންނަ ތާރީޚާއި ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީފައިވެ އެވެ. އަދި ކެންޑިޑޭޓުންނަށް ވުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމުގައި އަމަލުކުރަންވީ ގޮތާއި ސަމާލުކަން ދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުންނާއި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްޓަކައި ޓެމްޕްލޭޓް މެދުވެރިކޮށް ވޯޓުލުމުގެ ފުރުޞަތު ފަހިކޮށްދީ، މިކަމަށް ރަޖިސްޓަރީވުމުގެ މުހިންމުކަމާއި ރަޖިސްޓަރީކުރުމަށް އަމަލުކުރަންޖެހޭ ގޮތާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ، ލޯކަލް ކައުންސިލް އިންތިޚާބުގައި 678 މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މި ފަހަރު އިންތިޚާބު ކުރާނީ 678 މީހުންނެވެ. އެހެންކަމުން މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެ އެވެ.

މީގެ އިތުރުން، މި އިންތިޚާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާ އިރު މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ސިޓީތަކުގެ ރައްޔިތުން ވޯޓުލުމަށް މާލެ ސަރަހައްދުގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އަދި ސިނާޢީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ. ހަމައެހެންމެ ކައުންސިލް އިންތިޚާބުގައި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި 1 ވޯޓު ފޮށި، ސްރީލަންކާގެ ކޮލަމްބޯގައި 1 ވޯޓު ފޮށި ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 294,937 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި، 150,410 ފިރިހެނުންނެވެ.