އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި ތިނަދޫ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ ވެސް މޭޔަރު ސައުދު އަލީ ކާމިޔާބު ކުރައްވައިފި އެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވީ، މޭޔަރު ސައުދު އަލީގެ އިތުރުން ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރިން ދެ ދައުރެއް ފުރިހަމަ ކުރެއްވި އަހުމަދު ނަސީރު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ނަސީރުގެ މައްޗަށް ސައުދު ކުރި ހޯއްދެވީ 462 ވޯޓާ އެކު އެވެ. އަދި ނަސީރަށް ލިބިވަޑައިގެންފައިވަނީ 417 ވޯޓެވެ.

މި އިންތިޚާބާ ގުޅޭގޮތުން ތިނަދޫ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި އެމްޑީޕީ މެންބަރު ބުނީ، އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް އަމާންއޮމާން ކަމާއެކު ކަމަށާއި، އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާ ނުވާ ކަމަށެވެ. އަދި ނަތީޖާ އިއުލާން ކުރި ވަގުތު ވެސް އެކުވެރިކަމާ އެއްބައިވަންތަކަން ފެނުނު ކަމަށް ބުންޏެވެ. 

މާލެ ސިޓީ އާއި ތިނަދޫ ސިޓީ ފިޔަވައި އެހެން ހުރިހާ ސިޓީތަކެއްގެ މޭޔަރުންނަށް އެމްޑީޕީގެ ޓިކެޓު ކަށަވަރު ކުރެއްވީ އިތުރު ބޭފުޅަކު ޕްރައިމަރީ ގައި ވާދަކުރައްވާފައި ނުވާތީ އެވެ.

އެހެންކަމުން، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބު ގައި އެމްޑީޕީން ހުރިހާ ސިޓީއަކަށް ވެސް ނެރޭނީ މިހާރު ވެސް މޭޔަރު ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުންނެވެ. 

އެމްޑީޕީގެ ލީޑަރޝިޕުން ވަނީ ހުރިހާ އެމްޑީޕީ މެންބަރުން އެއްކޮށް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ. އަދި އިންތިޚާބުން ބަލި ވާ މީހުން ވެސް މޮޅުވާ މީހުންނާއި އެކު މަސައްކަތް ކުރުމުން ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޕްރައިމަރީ އިންތިޚާބުން ވެސް އެކުގައި ތިބުމުގެ މުހިންމުކަން ފެނިފައިވާ ކަމަށާއި، އަމާންސުލްހަވެރި އިންތިޚާބެއް ކުރިއަށް ގެންދިއުމުގައި ދިން އެއްބާރުލުން ކުރިއަށް އޮތްތަނުގައި ވެސް ދިނުމަށް އެދިފައިވެ އެވެ.  

އެމްޑީޕީއަކީ އަބަދުވެސް އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއް ކަމަށާއި، ޑިމޮކްރަސީ އުސޫލުން ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެޕާޓީން ދީފައިވެ އެވެ.