ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދު އާޒިމް އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕްރައިމަރީ ގައި މާލެ ސިޓީގެ މޭޔަރު ކަމަށް ޕްރައިމަރީ ގައި ވާދަކުރެއްވީ މިހާރުގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އަލީ އާޒިމް އެވެ. އާދަމް އާޒިމް, އަލީ އާޒިމްގެ މައްޗަށް ކުރި ހޯއްދެވީ ބޮޑު ފަރަގަކާއި އެކުގަ އެވެ. އެއާއެކު ނަޝީދާއި ސޯލިހު ވަނީ އާދަމް އާޒިމް އަށް ތަހުނިޔާ ވިދާޅުވެ، އެކްސްގައި ޕޯސްޓް ކުރައްވާފަ އެވެ.

ނަޝީދު ކުރެއްވި ޕޯސްޓުގައި އާދަމް އާޒިމް އަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން، އަލީ އާޒިމް ކުރެއްވި މަސައްކަތައް ހިތްވަރު ދެއްވާފައި ވެ އެވެ. އެ މަނިކުފާނު ވަނީ ޕްރައިމަރީގެ އިންތިޒާމްތަކަށް ތައުރީފް ކުރައްވާފަ އެވެ. 

 ރައީސް ސޯލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ އާދަމް އާޒިމް ހޯއްދެވި ކާމިޔާބަކީ މޭޔަރުކަމުގައި ފާއިތުވި ދެ އަހަރު ހުންނަވައިގެން އޭނާ ރައްޔިތުންނަށް ކޮށްދެއްވި ހިދުމަތް އެމްޑީޕީގެ މެންބަރުން ބަލައިގަންނަކަން ހާމަވާ ކަމެއް ކަމަށެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރުމަށް އާދަމް އާޒިމް ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިރު އާޒިމް ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެމްޑީޕީ އާއި އެކު ހުންނަވާނެ ކަމަށާއި، މިއީ އެކުގައި ނުކުމެ އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ.