ހުކުރު ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ޕްރައިމަރީ ގެ ވަގުތީ ނަތީޖާތައް، އެ ޕާޓީ ގެ ވެބްސައިޓްގަ އާއްމުކޮށްފި އެވެ. 

ޕްރައިމަރީ ގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމަށް އެމްޑީޕީ އިން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ހޮނިހިރު ދުވަހު ހަވީރުން ފެށިގެން ވަގުތީ ނަތީޖާ ތައް އެމްޑީޕީ ގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. މިފަހަރުގެ ޕްރައިމަރީ އަކީ މިހާތަނަށް އެމްޑީޕީ އިން ބޭއްވި އެންމެ ސުލްހަވެރި އަދި އެންމެ އެއްބައިވަންތަ ކޮށް ދިޔަ ޕްރައިމަރީ ކަން ފާހަގަކުރައްވާ، ޣަފޫރު ވަނީ އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ. 

އިންތިހާބުގެ ކަންތައްތައް ވަރަށް އޮމާންކަމާ އަމާންކަމާ އެއްކޮށް ނިމިދިޔައީ. އަނެއްހެން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ އެއްގައި މިހާތަނަށް ބޭއްވުނު އެންމެ ސުލްހަވެރި އެންމެ އެކުވެރި އެއްބައިވަންތަކަމާ އެއްކޮށް ދިޔަ އިންތިހާބު، މި އިންތިހާބަކީ. އެކަމަށްޓަކާ އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އިންތިހާބަށް ފެށިގެން އައި އިރު ވާދަވެރިކަން ވަރަށް ގަދަ ވެގެން ދިޔަ. އެހެން ނަމަވެސް އިންތިހާބުގެ ވޯޓުލުން ފެށުމާއެކު ޕާޓީ ގެ ހައްގުގަ ހުރިހާ ބޭފުޅުންވެސް ވަރަށް އެކުވެރިކަމާ އެކު މަސައްކަތް ކޮށްގެން ވޯޓުގެ ކަންކަން ކުރިޔަށް ގެންގޮސް މިހާ ހިސާބަށް މި އާދެވުނީ
އެމްޑީޕީ ގެ ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު މޫސާ

ޕްރިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔަގޮތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ޝަކުވާ އެއް ހުށަހެޅިފައި ނުވާކަން ޣަފޫރު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ޣަފޫރު ވިދާޅުވީ ޕްރައިމަރީ ގައި ބ. ފެހެންދޫގެ ކައުންސިލް ވޯޓު އެއްވަރުވެފައިވާތީ، އެ ރަށުގެ ޕްރައިމަރީ މި ހަފްތާ ތެރޭގައި އަލުން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންތިހާބުގެ ކަންކަން މިހާ ފުރިހަމަކޮށް ކުރިޔަށް ގެންދެވުނީ ކެނޑިޑޭޓުންނާއި ޕާޓީގެ އިންތިހާބީ ކޮމިޓީ އާއި ޕާޓީގެ ސެކްރެޓޭރިއޭޓުން ކޮށްދެއްވި އިޚްލާސްތެރި ބުރަ މަސައްކަތުން ކަން ޣަފޫރު ވަނީ ފާހަގަކުރައްވާފަ އެވެ. ޣަފޫރު ވިދާޅުވީ އެމްޑީޕީގެ ޕްރިމަރީ ގެ ކަންކަން ކުރިޔަށް ދިޔަގޮތަކީ، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުން ނަމޫނާ އަކަށް ބަލަން ޖެހޭ ކަމެއް ކަމުގަ އެވެ. 

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމާ މެދު އެމްޑީޕީގެ ތެރޭގައި އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި، އިރާދަކުރެއްވިއްޔާ އެމްޑީޕީ ގެ ހުރިހާ މެމްބަރުން އެކުގައި މަސައްކަތް ކޮށްގެން، ކުރިޔަށް އޮތް އިންތިހާބު ބޮޑުތަނުން އެމްޑިޕީ އިން ކާމިޔަބު ކުރާނޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.