ޕްރައިމަރީ އިން ދަސްވީ އެންމެ މުހިންމު ކަމަކީ ޕާޓީ އާއި އެކު ހުރެއްޖެ ނަމަ ޕާޓީގެ އާއްމު މެމްބަރުން އެކަން ބަލައިގަންނަ މިންވަރު ކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ، އެމްޑީޕީގެ ޕްރައިމަރީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ހަދީޖާ މުހައްމަދު (ހައްޖަ) ވިދާޅުވެއްޖެ އެވެ.
އޭނާ އެފަދައިން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މެންބަރު މުހައްމަދު ސައިފް ފާތިހު (އައިއްކޮ) އާއި ވާދަކޮށް، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހައްޖަ ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުން ކުރެއްވި އިތުބާރަށްޓަކައި އޭނާ ވަނީ އެ ދާއިރާގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީ އަކީ އަބަދުވެސް ރައްޔިތުންގެ ކަންކަން އެންމެ ކައިރިން ބަލާނެ ޕާޓީ. މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކުރުމަށް ވެސް މާލޭގެ ކައުންސިލް މުހިންމު. އަޅުގަނޑުމެން އިންތިޚާބުވުމުން ސަރުކާރު ޖަވާބުދާރީކުރުވުމަށް ވެސް އިތުރު ފުރުސަތެއް ލިބިގެން ދާނެ." ހައްޖަ ވިދާޅުވި އެވެ.
ހުކުރު ދުވަހު ކުރިއަށް ދިޔަ އެމްޑީޕީގެ ޕްރައިމަރީ ގައި ހައްޖަ، އައިއްކޮގެ މައްޗަށް ކުރި ހޯދީ 85 ވޯޓާ އެކު އެވެ. އައިއްކޮ އަށް ލިބުނީ 32 ވޯޓެވެ. ހައްޖަ ޕްރައިމަރީ ކާމިޔާބު ކުރުމުން، އައިއްކޮ ވަނީ ޕްރައިމަރީ ކެމްޕެއިން ގެ ވާދަވެރިކަން އެކަހެރިކޮށް، ޑިމޮކްރަސީ ގެ ރީތި ނަމޫނާ ދައްކަވާ ހައްޖަ އަށް މަރުހަބާ ކިޔާފަ އެވެ.
ހައްޖަ އަށް ލިބުނު މޮޅަކީ ރަނގަޅު ކާމިޔާބެއްކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ އޭނާ އަށް މަރުހަބާ ކިޔާފަ އެވެ. މިއީ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އޭނާ އަށް ލިބުނު ބާރެއް ކަަމަށް އެފަދަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ހައްޖަ އަކީ އެމްޑީޕީ ގެ ހަރަކާތްތަކުގައި ވަރަށް ބޮޑަށް ފާހަގަ ކުރެވޭ ކަނބަލެކެވެ.