މަދު ދުވަސްތަކެއްގެ ތެރޭގައި ދިމާވި ގިނަ ގޮންޖެހުންތަކާއެކު، ދިގު ޒަމާންތަކަކަށް ރާއްޖޭގެ ރައްޔިތުން ތަހައްމަލު ކުރަމުންދިޔަ ބޮޑެތި ތަކްލީފްތަކަށް ހައްލު ހޯދައިދީ، ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމަކީ ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމްކުރަން ދަތިވި ކަމެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސައީދު މިހެން ވިދާޅުވީ، އޭނާ ގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅޭގޮތުން ހިއްސާކުރި ނޯޓެއްގަ އެވެ.

ނުހައްގުން ސައީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ ޝަރުޢީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކަނޑުވާލައި، ނާއުއްމީދު ކުރުވުން ކަމަށެވެ. އޭނާ ގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އިއްވާފައިވާ ހުކުމަކީ ސިޔާސީ ބޭނުމަކަށްޓަކައި، ސިޔާސީ ވެރިންތަކެއް ދުރާލާ ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ "ސިޔާސީ" ހުކުމެއް ކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށްވެސް ސައީދު ފާހަގަކުރެއްވި އެވެ.

އެ ނޯޓުގައި ސައީދު އިތުރަށް ވިދާޅުވީ، އެއްވެސް އަސްލެއް ނެތް ކަމެއްގައި، ޝަރުޢީ މިންގަނޑުތަކުން ބަލަންޖެހޭ ކަންކަމަށް ބެލުމެއް ނެތި، ގަސްދުގައި ވަކި ގޮތަކަށް ބައްޓަންކޮށްގެން ކުރި އެ ހުކުމަކީ ވަރަށް އަނިޔާވެރި އަދި ބިރުވެރި ހުކުމެއް ކަމަށެވެ. އަދި މިކަމުގެ ހަގީގަތް މިއަދު ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގި ހާމަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ވެސް އަނިޔާވެރި އަދި ބިރުވެރި ދުވަސްތަކެއް ޖަލުގެ ތޭރިތަކުގައި ތަހައްމަލު ކުރަމުން މިދަނީ. މި ހިތްދަތި ކަމަށް ﷲގެ ހަޟްރަތުން ވާގި އެދި ދުޢާކުރަން ތާ އަބަދުމެ" ސަޢީދުގެ ނޯޓުގައި ލިޔެފައިވެ އެވެ.

މި މައްސަލައަކީ ސިޔާސީ ނުފޫޒުން ކުރެވިފައިވާ ކަމެއްގެ ގޮތުގައި ސައީދު ސިފަކުރައްވާފައިވާއިރު، މިއީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.

އަހުމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ސެޕްޓެމްބަރު 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެހެން ނަމަވެސް ދައުލަތުން އެދުނީ 1 އަހަރާ 7 މަހުގެ ހުކުމެއް އިއްވައިދިނުމަށެވެ.