މަސައްކަތް ނުކުރުވައި މުސާރަ ދީގެން ނުވާނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން މަސައްކަތެއް ނެތި ވަޒީފާތައް ދީ މުޅި ގައުމު ހަލާކު ކުރަމުންދާ ކަމަށް މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މަސައްކަތް ނުކުރުވައި، މުސާރަ ދީގެން ނުވާނެ ކަމަށާއި، ނަމަވެސް މިހާރު ޓްރެންޑެއްގެ ގޮތުގައި މަސައްކަތް ނެތި ވެސް ވަޒީފާތައް ދެމުންދާ ކަމަށެވެ. 

އާޒިމް ވިދާޅުވީ ވަޒީފާ އުފެދެން ޖެހޭނީ މަސައްކަތަކަށް ކަމަށާއި، އެއީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ.  ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުން މި މަސައްކަތްތައް އުފެއްދުމެއް ނެތި، ޖީލެއް ހަލާކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ މިބޭފުޅުންގެ ކަންނެތް ކަމާއި، ވިސްނުންތެރިކަން ނެތްކަމުގެ އެއް ހެކި ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ. 

މީގެ އިތުރުން މޭޔަރު އާޒިމް ވިދާޅުވީ މިކަމުގެ ސަބަބުން ގައުމު ހަލާކުވެ، ވީރާނާވަމުންދާ ކަމަށެވެ. 

މިގައުމު ހަލާކު ކުރަނީ މިމީހުން. އެއީ ވަޒީފާއެއް ނެތި މުސާރަ ދީފައި ގޭގައި ބޭއްވީމަ އެމީހާ އެއްވެސް މީހަކަށް ނުވެ ކުއްޖަކު ބޮޑު ވަމުން އަންނަނީ ދެން އޭނާއަށް ދަރިން ލިބިގެން ވާނެ ގޮތް ވިސްނާ. މިގައުމަށް ވާނެ ގޮތް ވިސްނާ. މަސައްކަތެއް ދަސްނުުވެ މީހުންތަކަކަށް މުސާރަދީގެން ކާންދީގެން ގޭގައި ބައިތިއްބާފައި މިތިބީ. އެތައްހާސް ބަޔަކު. އެއްވެސް ގައުމެއްގައި ގައުމަށް ހެޔޮ އެދޭ ވެރިއަކު ކުރާނެ ކަމެއް ނޫން ރިޝްވަތުގެ ފައިސާ ދީފައި ގޭގައި މީހުން ބޭއްތިއްބުމަކީ. ކުރާނެ ކަމެއް ނޫން. މީހަކަށް ފައިސާއެއް ލިބުން އަޅުގަނޑަށް މައްސަލައެއް ނެތް. އެހެން ނަމަވެސް އޭނާއަށް މަސައްކަތެއް ކުރުވާފައި ލާރި ދޭންވާނީ. އެހެންނޫނިއްޔާ އޭއީ ގައުމެއް ހަލާކު ކުރުން. ގައުމެއް ވީރާނާ ކުރުން
މާލޭސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

މުސާރަ ދިން ނަމަވެސް ރިޝްވަތު ދޭން ނުޖެހޭނެކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ، މަސައްކަތެއް ނެތި ވަޒީފާދީ މުސާރަ ދިނުމަކީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށެވެ. މިކަމުގައި ބެލެނިވެރިން ވެސް ސަމާލުވާން ޖެހޭ ކަމަށާއި، ދަރިންނަށް ވަޒީފާ ލިބޭއިރު، މަސައްކަތެއް ދަސްނުވުމަކީ އެމީހާއަށް ވެސް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ. 

މަސައްކަތްތަކަށް އައިސްފައިވާ ބަދަލަށް އިޝާރާތް ކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ ދަނޑުވެރިކަން މިހާރު އޮތީ ބިދޭސީންގެ އަތްމަތީގައި ކަމަށާއި، ދަނޑު ހައްދައި އެވިއްކަނީ ވެސް އެމީހުން ކަމަށެވެ. އަދި ކުރީގައި މަސްވެރިކަން ފުޅާ ދާއިރާގައި ކުރަމުން އައި ރަށްރަށުގައި ވެސް މަހަށް ދާނެ ޒުވާން ދިވެހީން ނުތިބޭ ކަމަށާއި، މިސިނާއަތް ވެސް އެމީހުންގެ އަތް ދަށަށް ގޮސްދާނެ ކަމުގެ  ބިރު މިއަދު އެބައޮތް ކަމަށެވެ. 

މޭޔަރު އާޒިމް ވިދާޅުވީ މީހުން ބިނާ ނުކުރެވުމުން އެކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމަށެވެ.