މި ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މި ދައުރުގެ ތެރޭގައި 15،000 ގޯތީގެ އިންވަކިކޮށް، ރަޖިސްޓްރީ ވެސް ހަވާލުކޮށް ނިންމާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ސްކީމުގެ ދަށުން މިހާރު ތަރައްޤީކުރަން ނިންމާފައިވާ ހުރިހާ ބޯހިޔާވަހި ކަމަކީ، އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތް ހަމަޖެހިފައިވާ މަސައްކަތްތަކެއް ކަމަށެވެ. އަދި މިއީ އާއިލީ ބޯހިޔާވަހިކަމަށް ޚާއްޞަ ސްކީމެއް ނަމަވެސް، ވަކިވަކި ފަރުދުންނަށްވެސް ފޯމު ހުށައެޅޭނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ދައުރު ތެރޭގައި ގޯތިތައް ދީ ރަޖިސްޓްރީ ހަދާ، އިން ވަކިކޮށް ގޯތި ހަވާލު ކުރާނަން. އަޅުގަނޑުމެން އިއުލާން ކުރާ 7،900 ފްލެޓަކީ މިހާތަނަށް ފައިނޭންސް ޔަޤީންވެފައިވާފުލެޓް ތަކުގެ އަދަދު. 
ޑރ.ޢަބްދުﷲ މުއްތަލިބު

މުއްތަލިބު ވިދާޅުވީ ކުރިމަތިލާން މިހާރު ހުޅުވާލާފައިވާ 7،900 ފްލެޓަކީ އެޅޭނެކަން މިހާރު ޔަގީންވެފައިވާ އަދަދު ކަމަށާއި އެއަށްވުރެ ގިނައިން ވެސް ފްލެޓްތައް އެޅޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. މިގޮތުން ބެންކް އޮފް މޯލްޑިވްސް އިން އިމާރާތްކުރާ ފްލެޓްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާ ކަމަށާއި އިންޑިއާ ސަރުކާރުން އަޅަން ޔަގީންކަން ދީފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

އޭގެއިތުރުން ސައުދީ ފަަންޑާއި އެހެނިހެން ތަންތަނުން ވެސް ފްލެޓްތައް އަޅަން ޔަގީންކަން ލިބިފައިވާކަން މުއްތަލިބު ފާހަގަކުރެއްވި އެވެ. މުއްތަލިބު ވިދާޅުވީ ސަރުކާރަކުން ބޯހިޔާވެހިކަމުގެ މަޝްރޫއެއް ފަށައިގެން އެ ބޯހިޔާވެހިކަމުގެ މަޝްރޫއެއް ދައުރުގެ ތެރޭގައި ނިންމާ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެ ކަމަށެވެ. 

މި ސަރުކާރުން ވަނީ 7،900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފަ އެވެ.