ތިނަދޫ ސިޓީގެ ތަރައްގީ ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމުގެ މާހައުލެއް ގާއިމް ކުރުމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދޭން ޖެހޭ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު އަދި މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ސައުދު ވިދާޅުވީ މިހާރު ސިޓީތަކުގެ މޭޔަރުކަން ކުރަމުންދާ އެމްޑީޕީގެ މޭޔަރުންނަށް ރައްޔިތުން އިތުބާރު ކުރާ ކަަމަށާއި، މަސައްކަތް ބަލައިގަނެފައިވާ ކަމަށެވެ. އެކަން ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އެމްޑީޕީން ބޭއްވި ޕްރައިމަރީން ޔަގީން ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ތަޖުރިބާއާއެކު މަސައްކަތްތައް ކޮށްގެން މެނުވީ ރަށެއް ނުވަތަ ސިޓީއެއް ތަރައްގީ ނުވާނެކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އަހުލުވެރި މީހުންގެ މަސައްކަތުން ނޫން ގޮތަކަށް ރައްޔިތުންނަށް ކުރިއެރުން ނުލިބޭނެ ކަމަށެވެ. 

މިސަރުކާރުން ކުރާ މަސައްކަތްތައް އެންމެ ރަނގަޅަށް އެންމެ ކައިރިން އެނގޭ ބަޔަކީ މޭޔަރުން ކަމަށާއި، ތަރައްގީ މަޑުޖެހުމާއި، ހުރި ގޮންޖެހުންތަކާއެކު މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސައުދު ދެއްވި އެވެ. 

ތިނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން ކެތްތެރިކަމާއެކީގައި އެއްބައިވަަންތަ ކަމާއެކީގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވާ ތިނަދޫގެ ތަރައްގީއާ ހަލުހި ބާރުމިނެއްގައި މަސައްކަތް ކުރެވޭނެ މާހައުލަކަށް އަޅުގަނޑުމެންގެ ވިސްނުމާ ފިކުރު ބަދަލުކޮށް އަޅުގަނޑުމެން އެކުއެކީގައި މަސައްކަތްތަކެއް ކުރެވޭނެ ޖާގަ ކަށަވަރު ކޮށްދެއްވާ އަޅުގަނޑަށް ތާއީދު ކޮށްދެއްވުމަށް އަޅުގަނޑު ހަމަ ވަރަށް އިހުތިރާމާއެކީގައި ތިނަދޫގެ އެންމެހާ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން. 
ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ

ސައުދު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހެޔޮ ބަދަލެއް ކަމަށާއި، ހޭލުންތެރި ކައުންސިލްތަކާއެކު ތަރައްގީ ރަށަށް ގެނައުމަށް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ ގޮވާލެއްވި އެވެ.