ފާމަސީތަކުން ބޭސް ގަންނަ އިރު އެތަންތަނަކީ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން އެ އޮތޯރިޓީ އިން އިލްތިމާސް ކޮށްފި އެވެ.

ވިޔަފާރީގެ ގޮތުގައި ރާއްޖެއަށް ބޭސް އިމްޕޯޓް ކޮށް ވިއްކެނީ ބޭހާއި ބެހޭ ގަވާއިދު ގައިވާ ގޮތުގެ މަތިން އެމްއެފްޑީއޭ ގައި ބޭސް އިމްޕޯޓްކުރާ އަދި ވިއްކާ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީ ވެ ހުއްދަ ލިބިގެން ކަން ފާހަގަ ކޮށް އެ އޮތޯރިޓީ އިން ބުނީ ބޭސް ވިއްކާ ފާމަސީތައް އެމްއެފްޑީއޭ ގައި ރަޖިސްޓްރީ ކޮށް، ފާމަސީ ޕްރޮފެޝަނަލުންނަށް ފާމަސީތަކުގައި މަސައްކަތް ކުރެވޭނީ އެ އޮތޯރިޓީ ގެ ހުއްދަ ލިބިގެން ކަމަށެވެ.

އެގޮތުން ފާމަސީތަކުގައި އެ އޮތޯރިޓީ އިން ދޫކުރާ ބޭސް ވިއްކުމުގެ ހުއްދަ ނެތި ބޭސް ވިއްކުމަކީ މަނާ ކަމެއް ކަމަށާ ފާމަސީ ޕްރޮފެޝަނަލުން މަސައްކަތް ކުރާއިރު ފާމަސިސްޓް އައިޑީ ކާޑު ނެތި މަސައްކަތް ކުރުމަކީ މަނާކަމެއް ކަމަށް ވެސް އެމްއެފްޑީއޭ އިން ވަނީ ބުނެފަ އެވެ. 

އެ އޮތޯރިޓީ އިން ވަނީ ފާމަސީތަކުން ބޭސް ގަންނަ އިރު ސަމާލުކަން ދޭން ޖެހޭ ކަންކަން ހިއްސާ ކޮށްފަ އެވެ.  

އެމްއެފްޑީއޭ އިން ސަމާލުކަން ދިނުމަށް އެދިފައިވާ ކަންކަން 

  • ފާމަސީ އަކީ ބޭސް ވިއްކުމު ގެ ހުއްދަ އޮތް ފާމަސީ އެއް ކަންކަށަވަރު ކުރުމަށް ފާމަސީގައި ބޭސް ވިއްކުމުގެ ހުއްދަ ހަރުކޮށްފައި ހުރިތޯ ބަލައި ޔަގީންކުރުން

  • ބޭސް ދޫކުރަން ހުރީ އެކަމުގެ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި ބޭސް ވިއްކުމަށް އެމްއެފްޑީއޭ އިން ދޫކޮށްފައިވާ ފާމަސިސްޓެއް ކަން އަންގައިދޭ އައިޑީ ކާޑު އަޅާފައި ހުރިތޯ ބެލުން
  • ނަގާ ބޭހަކީ މުއްދަތު ހަމަަނުވާ ބޭސް ކަން ކަށަވަރު ކުރުމަށްޓަކައި ބޭހުގައި ބަޔާން ކޮށްފައިވާ މުއްދަތު ހަމަވާ ތާރީޚު ބެލުން
  • ބޭސް ބޭނުންކުރަންވީ ގޮތުގެ އިރުޝާދު ރަނގަޅަށް ކިޔައިދޭ ސާފުކޮށް ލިޔެފައި ވޭތޯ ބަލައި ޔަގީން ކުރުން
  • ބޭސް ޕެކްކޮށްފައި ހުރީ ރައްކާތެރި ގޮތަށް ތޯ ބެލުން (މިސާލަކަސް ފިނީގައި ބަހައްޓަން ޖެހޭ ބޭސް ދޫކުރާ އިރު އައިސް ޕެކް ފަދަ ތަކެތި އަލައި ޕެކް ކޮށްފައިވޭތޯ ބެލުން)

އެއީ ކޮންމެ ފަރުދެއްގެ ވެސް ސަލާމަތާ ރައްކާތެރި ކަމާ ގުޅިފައިވާ ކަމެއް ކަމަށާ އެފަދަ ކަންކަމުގައި އަމިއްލަ ޒިންމާ ނެގުމުގެ މުހިއްމުކަން އެ އޮތޯރިޓީ އިން ފާހަގަ ކުރެ އެވެ. 

ބޭސް ވިއްކުމުގެ ހުއްދަ ނެތް ފާމަސީތަކާއި ބޭސް ވިއްކުމުގެ ހުއްދަ އޮތް ފާމަސީ ޕްރޮފެޝަނަލުން ނެތި ހިންގާ ފާމަސީތަކާ މެދު އެމްއެފްޑީއޭ ގެ ފަރާތުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.