ހުޅުމާލެ މާލެސިޓީ ކައުންސިލްއާ ހަވާލުކޮށްފިނަމަ ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށްވުރެ މާ ރަނގަޅަށް މުނިސިޕަލްގެ ހުރިހާ ޚިދުމަތްތަކެއް ދޭނެކަމުގެ ޔަގީންކަން މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްވައިފި އެވެ. 

މިހާރު ހުޅުމާލެ ހިންގުމާއި، މުނިސިޕަލްގެ ޚިދުމަތްތައް ދެމުން ދަނީ އެޗްޑީސީންނެވެ. ނަމަވެސް ރަނގަޅަށް ޚިދުމަތް ނުދެވޭކަމުގެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ކުރެ އެވެ.

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އެކަމާ ގުޅޭގޮތުން މޭޔަރު އާޒިމް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތެއް ކައުންސިލްއާ ހަވާލުކޮށްފިނަމަ މާ ރަނގަޅަށް، ޕްލޭން ކުރެވިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ޔަގީންތާ. އަޅުގަނޑާ ހަވާލުކުރި ކޮންމެކަމެއް އަޅުގަނޑު މިހާތަނަށް ކޮށްފައި އޮންނާނީ ވަރަށް ރަނގަޅަށް. އެހެންވީމަ  އެއަކަށް ރައްޔިތުން ޝައްކެއް ނުކުރާނެ. މިހާތަނަށް އަޅުގަނޑާ ހަވާލުކޮށްފައި އޮތް  ކޮންމެ ޒިންމާއެއް އަޅުގަނޑު ހަވާލުވިއިރަށްވުރެ ރަނގަޅު ކޮށްދީފައި. އެންމެ ކުޑަވެގެން މާލެސިޓީގެ ކައުންސިލާ ކައުންސިލްގެ އިދާރީ ހިންގުމާ މާލެސިޓީއާއި ވިލިމާލެއާ އަދި ހުޅުމާލޭގެ މިސްކިތްތަކާ އަޅުގަނޑު ހަވާލުވިއިރަށް ވުރެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ހުންނާނީ ރަނގަޅަށް ކޮށްދީފައި.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ރަނގަޅު ކުރުމަށް ރެއާ ދުވާލު މަސައްކަތް ކުރާކަން ފާހަގަކުރައްވައި މޭޔަރު އާޒިމް ވިދާޅުވީ މީގެކުރިން މާލެސިޓީ ކައުންސިލު ހިންގަމުން ދިޔައީ 9 ތަނެއްގައި ކަމަށާއި، ނަމަވެސް މޭޔަރު ކަމަށް ހަވާލުވުމަށްފަހު، ކައުންސިލްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އެއްތަނަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ. މިއީ ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި ރަނގަޅު ނުކުރެވިފައި އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މޭޔަރު އާޒިމް ވިދާޅުވީ މާލެސިޓީ ކައުންސިލުގައި އޮތް ވައްކަމާ ކޮރަޕްޝަން ހުއްޓުވާފައިވާ ކަމަށާއި، އެފުރުސަތު ނުދޭނެ ކަމަށެވެ. މިހާރު ފާހަގަ ކުރެވެމުންދާ މައްސަލަތައް ބެލުމަށް ކަމާގުޅޭ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އާޒިމް ވިދާޅުވީ މި މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، ހުޅުމާލު ހަވާލުކޮށްފިނަމަ ރައްޔިތުން ބޭނުންވާ ގޮތަށް ހުޅުމާލެ ހިންގައި، އެ ޚިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ. އަދި ނަތީޖާ ރައްޔިތުންނަށް ދައްކައިދޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިސަރުކާރުން ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެސިޓީ ކައުންސިލްއާ ހަވާލު ކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. މޭޔަރު ކަމުގެ މަގާމުގައި ހުންނަވައި މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ މަސައްކަތެއް ކުރަން ޖެހޭނީ މާލެސިޓީ ކައުންސިލުން ކަމަށާއި، ކުންފުންޏަކުން އެމަސައްކަތް ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން އެކަމަށް ވަނީ ހުރަސްއަޅާފަ އެވެ. އެންމެފަހުން ހުޅުމާލޭގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު  ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލްގެ މަސައްކަތްތައް ކުރުމަށް މާލެސިޓީ ކައުންސިލުން ބޭނުންނުވާ ކަމަށާއި، ކައުންސިލުން އެކަމާ ދެކޮޅު ހަދާފައިވާ ކަަމަށެވެ.

ނަމަވެސް މިކަން މޭޔަރު އާޒިމް ވަނީ ދޮގު ކުރައްވާފަ އެވެ.