ބޯހިޔާވަހިކަމަށް އެދި ހުށަހެޅި 13،000 މީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ލިޔެކިޔުމުން ފެންނަން ހުރި ނަމަވެސް މި ސަރުކާރުން އެ ލިސްޓުތައް ނިޒާމުން މުޅިން ޑިލީޓް ކޮށްލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލުމުން 13،000 މީހުން ކުރިމަތިލި ކަމަށެވެ. އަދި އޭގެތެރެއިން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅުމަށްފަހު ބާކީ ތިބި މީހުންގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅާ، އެ މީހުންނަށް ދެން އަންނަ ސްކީމެއްގައި އިސްކަން ދިނުމަށް އެ ސަރުކާރުން ނިންމި ކަމަށެވެ.
އެގޮތުން އެމްޑީޕީ އިން އޭރު ރައްޔިތުންނަށް ދިން ޔަގީން ކަމަކީ ބާކީ 9،000 މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަމެއް ދީގެން ކުރިއަށް ދާނެ ކަމަށް ބުނެ ދިން ޔަގީން ކަން ކަމަށެވެ.
4000 ފްލެޓަށް 13،000 މީހުން އެޕްލައި ކުރީމަ އޭރު އެމްޑީޕީ ސަރުކާރުގެ ވިސްނުމުގަ ހުރީ އެ 4000 ފްލެޓް ގެ މަސައްކަތް ނިމޭއިރަށް އަނެއްކާވެސް އިތުރު 7،500 ފްލެޓް އަޅައި ފުލުފުލުގަ މަޑުމަޑުން ގެންގޮސް ހުރިހާ ރައްޔިތުންނަށް، އެ ޝަރުތު ހަމަވާ ރައްޔިތުންނަށް އެކަންތައްތައް ފުރިހަމަ ކޮށްދޭން. އޭރު ސަރުކާރުން ރައްޔިތުންނަށް ދިން ޔަގީން ކަމަކީ މި ފަހަރު މި އަޅައި 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންނަށް ލިބިފަ، ބާކީ ތިބި ޝަރުތުހަމަވާ މީހުންނަށޭ ދެން އަޅާ ފްލެޓްތަކުގެ ޕްރަޔޯރިޓީ ލިސްޓުގަ އޮވެގެން އެ ބޭފުޅުންނަށޭ ފުރަތަމަ ލިބޭނީ،ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މެންބަރު ދީދީ ވިދާޅުވީ ނަމަވެސް މި ސަރުކާރުން އެވަނީ އެ 9،000 މީހުންގެ ލިސްޓު އެގޮތަށް އޮއްވާ އަލުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލާފައި ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ނާއުންމީދެއް ލިބުނު އިރު ކުރީގެ ލިސްޓު މި ސަރުކާރުން ޑިލީޓް ކޮށްލާފައިވަނީ ރައްޔިތުންނާ މެދު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.
މިއަދު މިވާގޮތަކީ އެ ނިޒާމުން ޑިލީޓު ވެއްޖެ. މިއީ ސަރުކާރުގެ ކޮންޓިނިއުޓީ އަށް ވެސް ބަލާ ބައެއް ނޫން. ރައްޔިތުންނަށް ކުރާނެ އަސަރަކަށް ނުވަތަ ރައްޔިތުން ކުރާ އުއްމީދުތަކަކަށް ވެސް ބަލާނެ ބައެއް ނޫން،ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ
މި ސަރުކާރުން ބަދަލު ކުރަނީ ހަމައެކަނި އުސޫލުތައް ނޫން ކަމަށާ، ގާނޫނާ ގަވާއިދުތައް ވެސް ހިތުހުރި ގޮތަކަށް ސިޔާސީ މަންފާތައް ހާސިލު ކުރުމަށް ބަދަލު ކުރަމުންދާ ކަމަށް ދީދީ ވިދާޅުވި އެެވެ.
އާދިއްތަ ދުވަހު މި ސަރުކާރުން ވަނީ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލާފަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ކުރިމަތިލެވޭ އެ މަޝްރޫއުއަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށެވެ.
ފްލެޓް ދޫކުރުމުގެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި މާލޭ މީހުންނަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެ އެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އެ މަޝްރޫއުގެ ދަށުން 7،900 ފްލެޓް ދޫކުރުމަށެވެ. އަދި ބިން ނުވަތަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރާން ހަމަޖެހިފައިވާއިރު އެ ގޯތިތައް ދޫކުރަނީ ދެ ކެޓަގަރިއަކަށް ބަހާލައިގެންނެވެ.