އައްޑޫ ސިޓީގެ ހަންކެޑެ އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް މި ސަރުކާރުން ބަދަލު ގެނަސް އެއީ ހަލާލް ޓޫރިޒަމް ޒޯނަކަށް ހެދުމަށް ހަމަޖެއްސީ އޭގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާ އައްޑު އަށް ލިބޭނެ ގެއްލުމަށް ވެސް ބެލުމެއް ނެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މެންބަރު ވިދާޅުވީ ގެސްޓްހައުސް ސިޔާސަތަށް ބެލިޔަސް ފެންނަނީ ސަރުކާރުގެ ސީދާ މިސްރާބެއް ނެތް ކަން ކަމަށެވެ. އެގޮތުން ކުންފުންޏަކުން ނުވަތަ ވިޔަފާރި އަކުން ހަމަ ބުނެލާ އިރަށް އެކަމަކާ އެއްގޮތަށް މުޅި ސިޔާސަތު ބަދަލުކުރަމުން ދާ ކަމަށެވެ. 

މިސާލެއްގެ ގޮތުން ދީދީ ވިދާޅުވީ އައްޑޫގަ ޓޫރިޒަމް ދިރުވަން އެމްޑީޕީ ސަރުކާރުން ހަންކެޑެ ޕްރޮޖެކްޓް ފެށި ކަމަށާ އެއީ ރަނގަޅު ޕްރޮޖެކްޓެއް ކަމަށެވެ. މެންބަރު ވިދާޅުވީ މި ސަރުކާރުން އައީ 16 ހޮޓެލް އަޅާ އެއްކޮށް އިންޓަގްރޭޓެޑް ޒޯނެއް ހަދަން ހުރިހާ ކަމެއް ނިންމާ އެކަންތައް ކުރިއަށް ގޮސްގޮސް ހުއްޓާ ކަމަށެވެ. 

ހަވާލުވެގެން ވަކި ހިސާބަކުން މި ބޭފުޅުން ގެ އިކޮނޮމީގަ ސްޓްރެންގތް ދެމެހެއްޓެނިވި ގޮތަކަށް ނުދިޔައިމަ ފައިނޭންސް ނުލިބުނީމަ ކުއްލިއަކަށް ބަދަލުކޮށްލައިފި އެ ކަނޑައަޅަން ވިއްޔޯ އެއީ ހަލާލް ޓޫރިޒަމް ޒޯނަކަށް. ކިިހިނެއްތޯ 16 ހޮޓެލް އިންނަ ޓޫރިޒަމް ޒޯނެއް ހަލާލް ޓޫރިޒަމް ޒޯނަކަށް ހަދަނީ. ހަލާލް ޓޫރިޒަމް ގަ އަންހެނުންނާ ފިރިހެނުންނާ ވަކިން އަނެއްކާ އާއްމުކޮށް ރާއްޖެއަށް މި އަންނަ ފަތުރުވެރިން ލައިގެން އުޅޭ ސްވިމް ވެއަރ ވެސް ނުއެއް ލެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ

 ހަލާލް ޓޫރިޒަމް ގެ ފަތުރުވެރިން ހިއްސާ ކުރަނީ ރާއްޖެއަށް އާންމުކޮށް އަންނަ ޖުމްލަ ފަތުރުވެރިންގެ 1 އިންސައްތަ ނުވަތަ 2 އިންސައްތަ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އެހެންކަމުން ފަތުރުވެރިކަން އަލަށް ފަށަން އުޅޭ ސަރަހައްދަކަށް އެކަން ގެނެވޭނެ ގޮތެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ.

ދީދީ ވިދާޅުވީ 98 އިންސައްތަ ދޫކޮށް 2 އިންސައްތަ އަށް ޓާގެޓް ކޮށްގެން އެތަނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. މިއީ މި ސަރުކާރުން ސިނާއަތާ މެދު ނުވިސްނާ މިންވަރު ހާމަވާ ކަމެއް ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. 

މީގެ އިތުރުން ފަތުރުވެރިން ރާއްޖެ އަންނަނީ ވަރަށް ގިނަ ހަރަކާތްތަކެއް ރިސޯޓުތަކާ ހޮޓެލްތަކުގައި ކުރިއަށް ދާތީ ކަމަށާ އެގޮތުން ވޯޓަރ ސްޕޯޓްސް އާ ޑައިވިންގް ގެ އިތުރުން ވެސް ތަފާތު ތަޖުރިބާ ކުރުމަށް ގިނަ ބަޔަކު ޒިޔާރަތް ކުރާ ކަމަށް ދީދީ ވިދާޅުވި އެވެ. 

ނަމަވެސް މިއަދު ފަހަރަކު ކަމެއް މަނާ ކުރަމުން ކުރަމުން ގޮސް ވަކި ބަޔަކަށް އާދެވޭ ތަނަކަށް ރާއްޖެ ހަދާފައިވާ ކަމަށާ މި ވިޔަފާރި ކުރިއަށް ނުދާނެ ކަމަށް ދީދީ ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މި ހުރިހާ ކަމަކަށް މިގޮތަށް މި ސަރުކާރުން ބަދަލު ގެންނަމުންދަނީ ރައްޔިތުންނާ ވިޔަފާރިވެރިން ކުރިއަރައިގެންދާ މަންޒަރު ފެނުމަކީ މި ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫން ކަމަށް ވާތީ ކަމަށެވެ.