މި ސަރުކާރުން ފަށާފައިވާ ނ. ވެލިދޫ ނެޝެނަލް ޑްރަގް އޭޖެންސީ ރިހެބިލިޓޭޝަން ސެންޓަރު ގެ މަސައްކަތް ދަނީ ވަރަށް  ލަސްކޮށް ކަމަށް އެ ރަށު ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ. 

2025 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން ފެއްޓެވި އެ މަޝްރޫއު އަކީ 1.5 މިލިއަން ރުފިޔާ އަށް އާރްޑީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. 

މިހާތަނަށް ވެސް އެ މަސައްކަތް މާ ބާރު ސްޕީޑެއްގެ ގައި ގޮސްފައި ނުވާއިރު އެ ސަރަހައްދު ވަނީ އެއްކޮށް ފެންސް ޖަހާ މަސައްކަތް ކުރާތަން ވެސް ނުފެންނާނެ ހެން ފެންސް ޖަހާ ބަންދު ކޮށްފަ އެވެ. 

އެކާ ގުޅިގެން ރާއްޖެޓީވީ އާ ވާހަކަދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އާތިފް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ދާ ގޮތުގެ ވާނުވާ އެއް ނޭނގޭ ކަމަށެވެ. ނަމަވެސް އެހެން މަޝްރޫއުތަކާ ވެސް އެއްގޮތަށް އެ މަސައްކަތް ވެސް ދަނީ ވަރަށް ލަސްކޮށް ކަމަށް އާތިފް ވިދާޅުވި އެވެ. އާތިފް ވިދާޅުވީ ކުރާ މަސައްކަތް ބަލަން ބޭނުން ނަމަ ޖެހޭނީ ޑްރޯން އަރުވައިގެން ބަލަން ކަމަށެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ ޕްރޮޖެކްޓުތައް ނުހިނގަނީ ކައުންސިލްތަކުން އެއްބާރުލުން ނުދޭތީ އާ ބިން ހަވާލު ނުކުރާތީ ކަމަށް މި ފަހުން ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ވެލިދޫ ގައި އެއްވެސް މަޝްރޫއު އެއް ކައުންސިލާ ހުރެ ނުހިންގޭ ކަމަށް ނުބުނެވޭނެ ކަމަށާ އެހެން ރަށްރަށުގައި ވެސް ކައުންސިލުން ސަރުކާރަށް އެއްބާރު ލުން ދޭ ކަމަށެވެ.