ނ. ވެލިދޫގައި ތަރައްގީ ކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ތަކެއްޗާއި މީހުން ވެސް ނެތިގެން ކަމަށް ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެ އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އާތިފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ވިދާޅުވާ ބަހުގެ މާނައެއް ނޭނގޭ ކަމަށާއި ކައުންސިލް އިން ހުރަސް އަޅައިގެން ނުވަތަ ކައުންސިލް އިން އެއްބާރުލުން ނުދީގެން މަސައްކަތް ހުއްޓިފައި ނޯންނާނެ ކަމަށެވެ. ވެލިދޫ  ޕޮލިސް ސްޓޭޝާން ގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ހުއްޓިފައި އޮތް ސަބަބު ހާމަކޮށްދެއްވަމުން އާތިފް ވިދާޅުވީ  އެ އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތީ ތަކެތި ހުސްވެގެން ކަމަށެވެ. 

އަޅުގަނޑުމެން އައިސް ކޮންކްރިޓް ގަށާއިރު ހުރަހެއް ނާޅަން. މަސައްކަތް ކުރާއިރު އައިސް އުނދަގުލެއް ނުކުރަން. ކައުންސިލް އިން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީގެން އަޅުގަނޑުމެންގެ ކަންކަން މި ކުރިއަށް ގެންދަނީ. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވާ ބަހެއްގެ މާނައެއް ހަމަ އޮޅުން ފިލާގޮތެއް ނުވޭ އިނގޭތޯ.
ވެލިދޫ ކައުންސިލް ގެ ރައީސް އާތިފް ހުސައިން

އާތިފް ވިދާޅުވީ ޕޮލިސް ސްޓޭޝަން ގެ މަސައްކަތަކީ މިދިޔަ އަހަރު ޖުލައި މަހު ރައީސް މުޢިއްޒު އެރަށަށް ވަޑައިގެން ފެއްޓެވި މަސައްކަތެއް ކަމަށާއި އެ މަސައްކަތް ކުރަމުންދިޔައީ ވަރަށް ލަސްލަހުން ވަރަށް ދަށްކޮށް ކަމަށެވެ. އަދި އަބަދުވެސް ތަކެތީގެ ދަތިކަމާ ހެދި މަސައްކަތް ނުކުރެވޭކަމަށް އާތިފް ވިދާޅުވި އެވެ. 

ވެލިދޫ ޕޮލިސް ސްޓޭޝަން ގެ މަސައްކަތް ފެށިތާ 6 މަސްވާން ކައިރިވެފައިވާއިރު، އިމާރަތް ކުރާ ސަރަހައްދުން ފެންނަ  ގޮތުގައި އެތަނުގައި ކޮންކްރިޓް ތަނބު ޖެހުމަށް ފަހު އިތުރު މަސައްކަތެއް ކޮށްފައިވާތަނެއް ނުފެނެ އެވެ. އަދި މަސައްކަތް ކުރާ މީހުން ވެސް ފެންނަން ނެތްއިރު މަސައްކަތައް ބޭނުންވާ ތަކެތި ވެސް ނެތެވެ.