ނ. ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2 ގެ ނަމުގައި ވެލިދޫ އިން ހިއްކި ބިމުގެ މަސައްކަތް އަވަސް އަރުވާލައިގެން ދިރާސާ ނުކޮށް ކުރުމުގެ ހިތި ނަތީޖާ ލިބެނީ ވެލިދޫ އަށް ކަމަށް އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޖީހާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީ އަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.
އެ ޒޯނުގެ މަސައްކަތަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދަކަށްވުމާއި އެކު އެތަން ހިއްކުމުގެ މަސައްކަތް ކުރީ ތިމާވެއްޓަށް ކުރާނެ އަސަރު ވެސް ނުބަލާ ރައީސްގެ ވައުދު ފުއްދުމުގެ ނަމުގައި ކަމަށް އޭނާ ވަނީ ސިފަކުރައްވާފަ އެވެ.
މީގެ އިތުރުން އެ މަސައްކަތް ކުރަމުން ދިޔަ އިރު ވެސް އެ ސަރަހައްދު ހިއްކުމުން ކޮށްފާނެ ނޭދެވޭ އަސަރުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ ރަށު ކައުންސިލުން ވަނީ މަސައްކަތް ކޮށްފަ އެވެ.
އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ހިއްކުމާއި ގުޅިގެން އެ ސަރަހައްދު ގިރައިގެން ދިއުން ފަދަ މައްސަލަތައް ދިމާވެފައިވާކަން ޖީހާން ވަނީ ފާހަގަކުރައްވާފަ އެވެ. މިހާރުގެ ކައުންސިލް ގެ ދައުރު ފެށުނު ފަހުން އިންޑަސްޓްރިއަލް ޒޯނުގެ ނަމުގައި ބިމެއް ތަރައްޤީކޮށް އެތަނުން ބިން ކުއްޔަށް ވެސް ދީފައިވާ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެތަނާއި ގުޅުން ހުރި ބައިވަރު މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް އިންޑަސްޓްރިއަލް ޒޯން 2 ގެ ނަމުގައި އިތުރު މަޝްރޫޢު އެއް މި ވެރިކަމުގައި ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެ ނޫން ގޮތަކަށް އެ މަސައްކަތް ކުރުމަށް ތަކުރާރުކޮށް ވެލިދޫ ކައުންސިލުން ސަރުކާރުގައި އެދިފައިވެ އެވެ.

ނ.ވެލިދޫގެ އިންޑަސްޓްރިއަލް ޒޯން 2ގައި ހުންނަވާ ވެލިދޫ ކައުންސިލްގެ ނައިބު ރައީސް ޖީހާން ރާއްޖެ އެމްވީ އަށް އިންޓަރވިއު އެއް ދެއްވަނީ
އިންޑަސްޓްރިއަލް ޒޯނު 2 އަށް ކަނޑައެޅި ތަނަކީ އެކަމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ޖީހާން ވަނީ ވިދާޅުވެފަ އެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވާތީ ކައުންސިލްގެ ބަހެއް ނެތި، ކައުންސިލުން އެދުނު އެދުމާއި ޚިލާފަށް އެ ޒޯންގެ މަސައްކަތް ކުރިކަން ޖީހާން ވަނީ ފާހަގަކުރައްވާފަ އެވެ.
"ހިމާޔަތް ނުކުރެވި ރާފުށްޓާ ދިމާލުން ވެލި ފައިބައިގެން ދާތަން ފެންނާނެ. އެފަހުން އިތުރު ތަނެއް އޮއި ދައުރުކުރުމަށް ކަނޑާލި. އެ ތަނުން ވެސް ބެދި ފައި މިއޮތީ. ޕިކްނިކް އައިލޭންޑެއްގެ ހުވަފެން ވެސް ދެއްކި. މިހާރު އެތަން ވެސް ވީތަނެއް ނޭނގޭ." އޭނާ ވިދާޅުވި އެވެ.
ޕީއެންސީ އަކީ އަބަދުވެސް ލާމަރުކަޒީ ނިޒާމާއި ބީރަށްޓެހި ބައެއް ކަމަށާއި މި ފަސް ގަނޑު ގިރައިގެން ދާން ދޫކޮށްލާފައި ވަނީ ވެސް ސަރުކާރުގެ ގޮތް ދޫނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ކަަމަށް ޖީހާން ވަނީ ވިދާޅުވެފަ އެވެ.
ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ އީއައިއޭ ރިޕޯޓް ފާސް ނުކުރަނީސްކަން ވަނީ މީގެ ކުރިން ހާމަވެފަ އެވެ. ގާނޫނާއި ގަވާއިދުތައް ބުނާގޮތުން ކޮންމެ މަޝްރޫއުއެއް ފެށުމުގެ ކުރިން ވެސް އެ މަރުހަލާ ފުރިހަމަ ކުރަން ޖެހެ އެވެ. ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފާސްކުރީ އެންވަރަމެންޓް މިނިސްޓްރީ އިން ކަމަށް ވާ އިރު އެކަން ކޮށްފައި ވަނީ އާއްމު އުސޫލާއި ވެސް ޚިލާފަށެވެ.